މެޗުގެ ބޮޑު ބައެއްގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ވެލެންސިޔާއިން ސެވިއްޔާގެ އަމިއްލަ ދަނޑުގައި އެޓީމު މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

ރޭ ކުޅުނު ސްޕެނިޝް ލަ ލީގާގެ ފޯރި ގަދަ އެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ވެސް ސެވިއްޔާއިން ނެވެ. ފުރަތަމަ ހާފް ނިމެންދަނިކޮށް 44 ވަނަ މިނިޓްގައި އެޓީމަށް ލަނޑުޖަހައި ކުރި ހޯދައިދިނީ އެލެކްސް ވިޑާލް އެވެ.

މިސީޒަންގައި ރޭސިން އިން ވެލެންސިޔާއާ ގުޅުނު އުމުރުން 20 އަހަރުގެ ރޮޑްރިގޯ ޑި ޕޯލްއަށް ވަނީ މެޗުގެ 67 ވަނަ މިނިޓްގައި ކުޅެން ނުކުމެ 30 ސިކުންތު ނުވަނީސް ކުރި ނުރައްކާތެރި ކުށަކާ ގުޅިގެން ރަތްކާޑު ދައްކާފައެވެ. 68 ވަނަ މިނިޓްގައި ރޮޑްރިގޯއަށް ސީދާ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލީ ސެވިއްޔާގެ ވިޓޯލޯއަށް އުޅަނބޮށިން ހަމަލާ ދިނުމާ ގުޅިގެނެވެ.

މެޗުގެ ބާކީބައި 10 ކުޅުންތެރިންނާ އެކު ކުޅެން ޖެހުނު ނަމަވެސް ހިތްވަރާްއެކު ކުޅެމުން ދިޔަ ވެލެންސިޔާއިން ސެވިއްޔާއަށް ލިބިލިބިއޮތް ތިން ޕޮއިންޓަށް ހުރަސް އެޅީ މެޗު ނިމެމުންދަނިކޮށް ލަނޑެއް ކާމިޔާބުކޮށްގެންނެވެ. އެ ލަނޑު އެޓީމަށް ޖަހައިދިނީ 88 ވަނަ މިނިޓްގައި ލޫކަސް އަލްފޮންސޯ އޯބަން އެވެ.

ލަލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު މަލާގާ ވަނީ ރަ ލޮސީޑާގައި އެތުލެޓިކު ބިލްބާއޯ މައްޗަށް 1-0 ލަނޑުން ކުރިހޯދާފައެވެ. ނުވަ ކުޅުންތެރިންނާއެކު މެޗު ނިންމާލި މަލާގާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ލުއިސް އަލްބާޓޯ އެވެ.

މެޗު ގެ ފަހުވަގުކޮޅުގެ ތެރޭގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން މަލާގާގެ ދެކުޅުންތެރިޔަކަށް ވަނީ ރަތްކާޑު ދައްކާފައެވެ.

ސްޕެނިޝް ލީގުގައި ރޭ އަލްމެއިރާ އާއި އެސްޕަންޔޯލް ބައްދަލު ކުރިމެޗު ނިމިގެން ގޮސްފަވަނީ 1-1 އިން އެއްވަރު ވެގެންނެވެ. އެ މެޗުގައި ލަނޑުވެސް ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފްގައެވެ. އަދި ލީގުގައި ރޭ ގްރޭނޭޑާ ވަނީ ޑިޕޯޓެވޯ ލަކޮރޫނާ 2-1 ލަނޑުން ބަލިކޮށްފަ އެވެ.