24 Aug 2014, 15:34
ދައުލަތުގެ ހުރިހާ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ހުރި 1988 ވަނަ އަހަރުގެ ކުރީގެ ލިޔެކިއުންތަކާއި ރިކޯޑްތަކާއި ބެހޭ މައުލޫމާތު ފިނޭސް މިނިސްޓްރީއަށް ފޮނުވަން އަންގައިފި އެވެ. ފިނޭންސް މިނިސްޓްރީއަކީ ގައުމީ އަރުޝީފުގެ ކަންކަން ބެހެއްޓުމަށް ހަވާލުވެފައިވާ ވުޒާރާ އެވެ.
ފިނޭންސް މިނިސްޓްރީން ނެރިފައިވާ ސާކިއުލާގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ އަރްޝީފް ގާނޫނުގައި ރާއްޖޭގެ "ގައުމީ އަރްޝީފު" ނުވަތަ "ނޭޝަނަލް އާކައިވްސް" އޮފީހުގެ މައްޗަށް ލާޒިމް ކުރާ އެންމެހާ ކަންކަން ކުރުމަށް އެ މިނިސްޓްރީން ތައްޔާރުވަމުން ދާ ކަމަށެވެ.
އިހުގެ ލިޔުންތަކާއި ރިކޯޑިންތަކާ ބެހޭ މައުލޫމާތު ފިނޭންސަށް ފޮނުވައި ދިނުމަށް އެދިފައި ވަނީ ލިޔެކިޔުންތަކާ ރިކޯޑިންތައް ބެލެހެއްޓުމަށް އޮފީސްތަކުން ބޭނުން ކުރާ ޖާގައަށް ލުއި ކަމެއް ހޯދައި ދިނުމަށް ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ.
"މި މަސައްކަތަކީ މި މުއައްސަސާ [ގައުމީ އަރުޝީފު]ގެ ބެލުމުގެ ދަށަށް ގެނަން ޖެހޭ ލިޔެކިއުންތަކާއި ރިކޯޑްތައް ގެނެސް އެތަކެތި ބަލަހައްޓާނެ ވަސީލަތްތައް ގާއިމު ކުރުމުގެ ގޮތުންނާއި އަދި ދައުލަތުގެ އިދާރާތަކުގައި ލިޔެކިއުންތަކާއި ރިކޯޑްތައް މިހާރު ބޭނުން ކުރައްވާ ޖާގައަށް ލުއި ކަމެއް ގެނެސްދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް ދަންނަ ވަމެވެ،" ސާކިއުލާގައިވެ އެވެ.
ދިވެހި ރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ އިދާރާތަކާއި މުވައްސަސާތަކާއި ދައުލަތުގެ ކުންފުނިތަކުންތަކުން އެތަންތަނުގެ މުހިންމު ލިޔެކިއުންތައް 25 އަހަރު ވަންދެން ރައްކާތެރިކޮށް، ބަލަހައްޓަން ޖެހެ އެވެ. އަދި 25 އަހަރުވެފައިވާ ލިޔެކިއުންތަކާއި ފޮޓޯތަކާއި ޗާޓްތަކާއި އަދި ރިކޯޑްތަކުގެ މިންވަރާއި އަދި އެތަކެތި ބެލެހެއްޓިފައިވާ ގޮތުގެ މައުލޫމާތު ގައުމީ އަރުޝީފަށް ހަވާލު ކުރަން ޖެހެ އެވެ. އަރުޝީފުގެ ގާނޫނަށް އަމަލު ކުރަން ފަށާފައިވަނީ 2011 ވަނަ އަހަރުގަ އެވެ.