ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން، ރާއްޖޭން ބޭރުކުރާ އެކި ބާވަތްތަކަށް އިސްލާމިކް މިނިސްޓްރީ އިން ދޫކުރާ "ހަލާލު" ސެޓްފިކެޓް، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެންސިސް ފިޝަރީޒް އަށް ދޫކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން ބަލަން ޖެހޭ ބެލުންތަކަށް ފަހު، "ހަލާލު" ލޯގޯ ޖެހުމަށް އެންސިސް ފިޝަރީޒަށް ހުއްދަދީފައި ވަނީ އެ ކުންފުނިން އުފައްދާ އަށް އުފެއްދުމަކަށެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާ "ހަލާލު" ސެޓްފިކެޓް ހަވާލުކޮށްދެއްވީ، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު އަލީ އެވެ. އެންސިސް ފިޝަރީޒްގެ ފަރާތުން ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ އެސިސްޓަންޓް ޕްރޮޑަކްޝަން މެނޭޖަރު ހަފްސަތު އަހުމަދެވެ.

އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާ އެކު މިހާތަނަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ، ރާއްޖޭގެ ހަތަރު ކުންފުންޏަކަށް މުޅިއަކު 28 އުފެއްދުމަކަށް ހަލާލް ސެޓްފިކެޓް ދޫކޮށްފަ އެވެ.

އެގޮތުން ހަލާލް ސެޓްފިކެޓް ފުރަތަމަ ދޫކޮށްފައި ވަނީ، ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ފަސް އުފެއްދުމަކަށާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ 12 އުފެއްދުމަކަށާއި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ތިން އުފެއްދުމަކަށެވެ.

ހަލާލު ސެޓްފިކެޓަކީ އިސްލާމްދީނުގެ މިންގަނޑުތަކާ އެއްގޮތަށް އުފައްދާފައިވާ އެއްޗެއްކަން ޔަގީންކޮށްދިނުމުގެ ގޮތުން ކަމާ ބެހޭ އިދާރާއަކުން އެ އެއްޗެއް އުފެއްދި ގޮތް ބަލައި ދިރާސާކުރުމަށް ފަހު، އެ އެއްޗެއް ބޭނުންކުރާ ފަރާތްތަކަށް އެއީ އިސްލާމީ ޝަރީޢާ ހުއްދަކުރާ އެއްޗެއްކަން އަންގައިދިނުމަށް ދެވޭ ލިޔުމެކެވެ.

އެގޮތުން އެ ސެޓްފިކެޓް ދޫކޮށްފައިވާ ކުންފުނިތަކުން އުފައްދާ ތަކެތީގައި ޖަހާފައިވާ ހަލާލު ލޯގޯ، ސިންގަޕޫރުގެ ހަލާލު ސެޓްފިކެޓުގެ ކަންތައްތައް ބަލަހައްޓާ އެ ގައުމުގެ އިސްލާމީ‮ ‬ކަންތައްތަކާ‮ ‬ބެހޭ‮ ‬މުއައްސަސާ ނުވަތަ މަޖިލިސް އުގަމާ އިސްލާމިކް ސިންގަޕޫރާ (މުއިސް) އިން ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ގަބޫލުކޮށްފަ އެވެ. އަދި އެއީ ރާއްޖޭގެ ހަލާލް ސެޓްފިކެޓް ބޭރު ގައުމަކުން ގަބޫލު ކުރި ފުރަތަމަ ފަހަރެވެ.‬