24 Aug 2014, 14:37
އިންސާނީ ހައްގުތައް އެންމެ ބޮޑަށް ގެއްލިފައިވާ ބަޔަކީ ޒުވާނުން ކަމަށާއި އަދި އެ ހައްގުތައް ހޯދައި ދިނުމަށް އެންމެ ބޮޑު މަސައްކަތެއްކޮށްދެވޭނެ ބަޔަކީ ވެސް ޒުވާނުން ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
އޭޖީ އެގޮތަށް ވިދާޅުވީ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ފަރާތުން ސްކޫލްތަކުގެ ކިޔަވާކުދިންގެ މެދުގައި އިންސާނީ ހައްގުތަކަށް ހޭލުންތެރިކުރުވުމަށް އުފައްދާފައިވާ ކްލަބްތަކުގައި ހަރަކާތްތެރިވުމަށް ޒުވާނުން ތަމްރީން ކުރުމަށް މިއަދު ގިރިފުށީގައި ފެއްޓި ކޭމްޕް ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަނިލް ވިދާޅުވީ، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ޒުވާނުން ޝާމިލުވުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި ހައްގުތައް އެންމެ ބޮޑަށް ގެއްލިފައިވާ ބަޔަކީ ވެސް އަދި ހައްގުތައް ހޯދައި ދިނުމަށް އެންމެ ބޮޑަށް މަސައްކަތްކޮށްދެވޭނެ ފަރާތަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައްގުތައް އެންމެ ބޮޑަށް ގެއްލިފައިވާ ބައެކޭ މި ދަންނަވަނީ، ތަފާސް ހިސާބުތަކަށް ބަލާ އިރު އެންމެ ގިނައިން ވަޒީފާ ނެތް އުމުރުފުރާގެ ބަޔަކީ ޒުވާނުން. ފަގީރުކަަން އެންމެ ބޮޑަށް ތަހައްމަލުކުރަން ޖެހޭ އަދި އެކި ކަހަލަ ގޯނާ ތަހައްމަލު ކުރަން ޖެހޭ ކުދިންނަކީ ވެސް ޒުވާން އުމުރުފުރައިގެ ކުދިން،" އޭޖީ ވިދާޅުވި އެވެ.
އިންސާނީ ހައްގުތައް ހިމާޔައްކުރުމުގެ ޒިންމާ ދައުލަތަށް އޮތް ނަމަވެސް، ފަރުދީ ގޮތުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ތެރޭގައި ވެސް އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް އަދި ކުރިއެރުމުގެ މަސައްކަތްތައް ކުރަން ޖެހޭ ކަަމަށް ވެސް އަނިލް ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްއާރުސީއެމްގެ ރައީސާ މަރިޔަމް އަޒްރާ ވިދާޅުވީ، އިންސާނީ ހައްގުތަކުގެ ދިފާއުގައި އެކި ރޮނގުރޮނގުން ހަރަކާތްތެރިވުމަކީ އެންމެން ވެސް އަޒުމް ކަނޑައަޅަން ޖެހޭ ކަމެއް ކަމަށެވެ. އަދި އިންސާނީ ހައްގުތަކުގެ ވިސްނުމާއި އިސްލާމްދީނުގެ އަސްލުތައް ހިމާޔަތްކުރެވޭ ގޮތަށް ސިޔާސަތުތައް ބައްޓަންކުރެވިގެން ދިއުމަކީ ގައުމުގެ ތަރައްގީއާ ގުޅިފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންސާނީ ހައްގުތަކުގެ ވިސްނުމާއި ފިކުރު އެކުލެވިގެން އިސްލާމްދީނުގެ އަސްލުތައް ހިމާޔަތްކުރެވޭ ގޮތަށް ސިޔާސަތުތައް ބައްޓަންކުރެވިގެން ދިއުމަކީ ދިގު މުއްދަތަކަށް ބަލާ އިރު ގައުމުގެ ތަރައްގީ އާއި ކުރިއެރުމާ ގުޅިފައިވާ ކަމެއް. އެންމެ ދެރަ އެންމެ ފަގީރު ލޮއީފު ފަރާތްތަކުގެ ހައްގުތައި ވެސް ކަށަވަރުވެގެންދާނެ ގޮތެއްގެ މަތިން ސިޔާސަތުތައް ބައްޓަންވެގެންދާންޖެހޭ." އެޗްއާރުސީއެމްގެ ރައީސާ ވިދާޅުވި އެވެ.
ރާއްޖޭގައި މާރާމާރީ އާއި އިންސާނީ ކަރާމާތަށް އަރައިގަތުމުގެ ހާދިސާތައް އިތުރުވަމުން ދާތީ ހިތާމަކުރައްވާ ކަމަށާއި އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރުމުގެ އާދަ އަށަގަންނަވަން ޖެހޭ ކަމަށް ވެސް އަޒްރާ ވިދާޅުވި އެވެ.
"ހިޔާލު ތަފާތުވުމަކީ އަތް އިސްކުރަން ޖެހޭ ނުވަތަ މާރާމާރީއެއް ހިންގަން ޖެހޭ ކަމެއް ކަމަކަށް ވެގެންނުވާނެ. ހަގީގަތުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް ހިފަހައްޓާ ނަމަ، މަޝްވަރާ އާއި ވާހަކަ ދެއްކުމާއި ސުލްހަކަމާ އެކު މައްސަލަތައް ހައްލުކުރަން ދަސްކުރަން ޖެހޭ،" އެޗްއާރުސީއެމްގެ ރައީސާ ވިދާޅުވި އެވެ.
އަޒްރާ ވިދާޅުވީ، ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި އެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރެވޭނެ މައުހަދާއެއް ނުވަތަ ގާނޫނެއްގެ މުހިއްމު ކަމަށާއި އެކަމަށް ޓަކައި ގައުމީ ފެންވަރުގަ އާއި ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން ފެށުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޗްއާރުސީއެމް އިން ބުނީ، މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ކ. ގިރިފުށީގައި ކުރިއަށްގެންދަން ނިންމާފައިވާ އެ ކޭމްޕުގައި އިންސާނީ ހައްގާގުޅޭ މައުލޫމާތު ދިނުމަށް ފަހު ތީމްތަކާ ގުޅޭ ހަރަކާތްތަކާއި ޕްރޮޖެކްޓްތައް ބައިވެރިން ހެދުމަށްދޭނެ ކަމަށެވެ.
މީގެ އިތުރުން، އެ ކޭމްޕަށް ފަހު ކޭމްޕުގެ ބައިވެރިންނާ އެކު އެ ކޮމިޝަނުން ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށާއި އެގޮތުން ކޮންމެވެސް އެއް ސްކޫލެއްގެ ކްލަބްގައި މަދުވެގެން ދެ އަަހަރުވެގެން ހަރަކާތްތެރިވުމަށް އެ ކޮންޓްރެކްޓްގައި އެއްބަސްވެވޭނެ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.