ފަތުރުވެރިކަމުގެ ސިނާއަތަށް މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ދޭ ފަރާތްތައް އެއް ތަނަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ފުޑް އެންޑް ހޮސްޕިޓާލިޓީ އެގްޒިބިޝަން މިއަދު ފަށައިފި އެވެ.

ދިވެހި އެކްސްޕޯ އިން އިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ފެށި އެ އެގްޒިބިޝަން މިއަދު ދަރުބާރުގޭގައި ފަށާފައިވާ އިރު އެ އެގްޒިބިޝަން ރަސްމީކޮށް ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެ އެގްޒިބިޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް ފަތުރުވެރިކަމުގައި ވިދާލާފައިވާ ތަނަކަށް ވާއިރު ދިވެހި ރާއްޖޭގެ ހޮޓާތަކާއި ރިސޯޓްތަކުގެ ފެންވަރު ނުވަތަ "ރޭންކިން" އިތުރަށް މަތި ކުރަން ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށާއި، އެގޮތަށް މަސައްކަތް ކޮށްފިނަމަ ފަތުރުވެރިކަން އަދިވެސް އިތުރަށް ކުރިއާރާނެ ކަމަށެވެ.

ދިވެހި އެކްސްޕޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަޖުމަލް ވިދާޅުވީ އެ އެގްޒިބިޝަން މައިގަނޑުގޮތެއްގައި އަމާޒުކުރެވިފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމަށާއި އެ އެގްޒިބިޝަން ރާއްޖޭގައި ބާއްވަން ނިންމީ ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ތަނަކަށް ވާތީ ކަމަށެވެ.

"ދިވެހިރާއްޖެ އަކީ ފަތުރުވެރި ކަމުގެ ސިނާއަތުގައި ވަރަށް ކުރިއަރަމުން އަންނަ ތަނެއް. އެހެންވީމަ އެ ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާއި ފަތުރުވެރިންނަށް ހިދުމަތް ދެއްވާ ހޮޓާތަކާއި ރިސޯޓްތަށް ފަދަ ތަންތަން އެއް ފުރާޅެއްގެ ދަށަށް ގެނެސް އެ ބޭފުޅުންގެ ޕްރޮޑަކްޓްތަށް ޝެއާކޮށްލުމުގެ ފުރުސަތު އަޅުގަނޑުމެން މި ދެނީ،" އަޖުމަލް ވިދާޅުވި އެވެ.

އެ ފަރާތްތަކުން ފޯރުކޮށްދޭ ކާއެއްޗެހީގެ ރަހަ ބަލާލުމާއި ޕްރޮޑަކްޓް ތަކުގެ މައުލޫމާތު ހޯދާލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު އެ އެގްޒިބިޝަން ކުރިއަށް ދާނީ މިމަހު 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޭގެ އިތުރުން މިއަދު ވަނީ ހުރިހާ ކައްކާއިންނަށް ހާއްސަކޮށް "ކަލިނަރީ ޗެލެންޖް" އެއް ވެސް ފަށައިފަ އެވެ.