އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލުން 50 މިލިއަން ޕައުންޑުގެ ކްލަބު ރެކޯޑް ފީއަކަށް ޗެލްސީއަށް ގެނައި ސްޕެއިންގެ ފޯވާޑް ފެނާންޑޯ ޓޮރޭޒަކީ އަދިވެސް ޗެލްސީއަށް ވަރަށް މުޙިއްމު ކުޅުންތެރިއެއް ކަމަށް އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

ޓޮރޭޒް ޓީމުގައި މަޑުކުރާނޭ ކަމަށް އުންމީދުކުރާ ކަމަށް ބުނެ މޮރީނިއޯ ވާހަކަދައްކާފައި ވަނީ، އިޓަލީގެ އޭސީ މިލާން ފަދަ ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ޓޮރޭޒް ގެންދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

"އަހަރެން ބޭނުން އޭނާ [ޓޮރޭޒް] ޓީމުގައި މަޑުކުރަން. އޭނާ ވަރަށް ރަނގަޅަށް ކުޅޭނެ އަދި ލަނޑު ޖަހާނެ. މިޓީމަށް އޭނާގެ ބޭނުން ވަރަށް ބޮޑު،" މޮރީނިއޯ ބުންޏެވެ.

މިހާރު އުމުރުން 30 އަހަރުގެ ހުނަރުވެރި ސްޕެނިޝް ފޯވާޑް ޗެލްސީއާ ގުޅުނީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އަދި މިދިޔަ ސީޒަންގައި ޗެލްސީއަށް 28 މެޗު ކުޅުނު ކަމުގައިވީ ނަމަވެސް ޓޮރޭޒްއަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ފަސް ލަނޑެވެ. އަދި ފަސް ލަނޑު ކާމިޔާބުކުރުމުގައި އެހީތެރިވެދީފައި ވެއެވެ.

މޮރީނިއޯ ދެވަނަ ފަހަރަށް ޗެލްސީއާ ހަވާލުވުމަށް ފަހު މިފަހަރުގެ ސީޒަނަށް ޗެލްސީ ވަރުގަދަކުރަން އެތުލެޓިކޯ މެޑްރިޑްގެ ކުރީގެ ފޯވާޑް ޑިއެގޯ ކޮސްޓާއާއި ޗެލްސީގެ ކުރީގެ ފޯވާޑް ޑިޑިއެ ޑްރޮގްބާ ގެނައުމުން ޓޮރޭޒް މިހާރު ބޭނުންކުރަނީ ތިންވަނަ ސްޓްރައިކަރުގެ ގޮތުގައެވެ.

ލީގު ހުޅުވި މެޗުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ބެންޗުން ޓޮރޭޒަށް ފުރުސަތު ދިން ކަމުގައިވީ ނަމަވެސް ރޭ ލެއިސެސްޓާއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުން ވެސް ޓޮރޭޒަށް ޖާގަ ދީފައެއް ނުވެއެވެ. 18 ކުޅުންތެރިންގެ ސްކޮޑްގައި ޓޮރޭޒް ނުހިމެނުނީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބުދެމުން މޮރީނިއޯ ބުނީ ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ވާނެކަމެއް ނޫން ކަމަށާއި އެކަމަކު އޭގެ މާނައަކީ އެ ކުޅުންތެރިންގެ މުހިއްމުކަން ކުޑައީ ނޫންކަމަށެވެ.

"ސަބަބަކީ ޓީމު ބެލެންސް ކުރުމުގެ ގޮތުން އަހަރެން ނިންމީ ކުރީ މެޗުގައި ކުޅުނު ކުޅުންތެރިން ބެންޗުގައި ބައިތިއްބަން. ބައެއް ފަހަރު ދެ ސްޓްރައިކަރުން ބެންޗުގައި ބައިތިއްބަން. އަނެއްބައި ފަހަރު އެގޮތަށް ބައިތިއްބަން ދަތި،" މޮރީނިއޯ ކިޔައިދިނެވެ.

"އަހަރެން ބޭނުންވޭ ޓީމުގައި ތިން ސްޓްރައިކަރުން ބައިތިއްބަން. ބައެއްފަހަރު ދެ ސްޓްރައިކަރުން ކުޅެން އަރުވައިގެން އެކަކު ބެންޗުގައި ބަހައްޓައިގެން ކުޅެންޖެހޭ. އަދި ސްޓްރައިކަރަކަށް އަނިޔާ ވެއްޖެ ހާލަތެއްގައި ދެންހުރި ސްޓްރައިކަރު ބޭނުންކުރަން ޖެހޭ. އެހެންވީމާ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން އަހަރެން ބޭނުންވޭ."

ބައެއް ކްލަބުތަކުން މީގެ ކުރިންވެސް ޓޮރޭޒް ގެންދަން މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ ޗެލްސީގައި މަޑުކުރަން ބޭނުން ކަމަށް ބުނެފައެވެ. އަދި މޮރީނިއޯ މިގޮތަށް ބުނުމުން އޭނާ އެހެން ކްލަބަކަށް މި ޓްރާންސްފާގައި ދާނޭ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.