ތުއްތު ކުދިން ވިއްކާ ވިއުގައަކާ ގުޅުން ބާއްވަވާ ކަމުގެ ތުހުމަތުގައި ނައިޖަރު ފުލުހުން އެ ގައުމުގެ އެގްރިކަލްޗަރު މިނިސްޓަރް ހައްޔަރުކޮށްފި އެވެ.

ނައިޖަރުގެ އެގްރިކަލްޗަރު މިނިސްޓަރު އަބްދޫ ލަބޯ ހައްޔަރު ކުރީ އޭނާގެ އަނބިކަނބަލުން ހިމެނޭ ގޮތުން ސިޔާސީ ބައެއް ލީޑަރުންގެ އަނބިއަނބި ކަނބަލުން ހައްޔަރުކޮށްގެން މިދިޔަ ޖޫން މަހުން ފެށިގެން ކުރަމުން އަންނަ ތަހުގީގަކަށް ފަހުގައި ކަމަށް އެމެރިކާގެ ނިއުޔޯކްޓައިމްސް ބުންޏެވެ.

ތުއްތުކުދިން ވިއްކާ ވިއުގައާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި ލަބޯގެ އަނބިކަނބަލުން ޖޫން މަހު ހައްޔަރު ކުރުމުން އޭނާ ވަނީ އެ ތުހުމަތާ ދެކޮޅު ހައްދަވާފަ އެވެ.

ލަބޯ ހައްޔަރުކޮށްފައި ހުރީ ނައިޖަރުގެ ވެރިރަށް ނިއަމޭގެ ހުޅަނގު ދެކުނުން 37 މޭލު ދުރުގައިވާ ސޭ ނަމަކަށް ކިޔާ ރަށުގައިވާ ޖަލެއްގައި ކަމަށް ނައިޖަރުގެ ނަން ހާމަ ނުކުރާ ފަނޑިޔާރަކާ ހަވާލާދީ ރޮއިޓާސް ބުންޏެވެ.

ނައިޖަރު ފުލުހުން ލަބޯ އާއި އޭނާގެ އަނބިކަނބަލުންގެ އިތުރުން ބައެއް އެހެން ސިޔާސީ ލީޑަރުންގެ އަނބިއަނބި ކަނބަލުން ހައްޔަރުކުރީ އަވަށްޓެރި ނައިޖީރިއާގައި "ބޭބީ ފެކްޓްރީ"ގެ ނަމުގައި ހިންގާ ތަންތަނުން އަލަށް އުފަންވެފައިވާ ކުދިން (ނިއުބޯން ބޭބީސް) ހޯދި މައްސަލައެއްގެ ތަހުގީގަށެވެ. ނައިޖީރިއާ ފުލުހުން މިދިޔަ އަހަރު ވަނީ އެފަދަ އެތައް ބޭބީ ފެކްޓްރީއެއް ހޯދައި ރެއިޑްކޮށްފަ އެވެ. ގަދަކަމުން ގެންގޮސް، ކުދިން ވިހެއުމަށް މަޖުބޫރުކޮށްފައިވާ އެތައް އަންހެނުންނެއް ނައިޖީރިއާ ފުލުހުންގެ އެ އޮޕަރޭޝަނުގައި ސަލާމަތް ކުރިއެވެ.