ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނޭޒޭޝަން (އެސްޓީއޯ) އިން އަލަށް ތައާރަފްކޮށްފައިވާ އެ ކުންފުނީގެ އަމިއްލަ ޕުރޮޑަކްޓެއް ކަމަށްވާ "ނޫފަހި" ބުރޭންޑްގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އިތުރުން ބައިނަލް އަގުވާމީ މާކެޓަށް ނެރުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް "ސަން"އަށް މިއަދު ވިދާޅުވީ އެސްޓީއޯގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ގޭ ބިސީއެއްގައި ބޭނުން ކުރާ ބާވަތްތަކަކީ "ނޫފަހި" ބުރޭންޑަށް ހެދުން ކަމަށެވެ. ހަމައެއާއެކު އެސްޓީއޯގެ ވިސްނުމަކީ ދުނިޔޭގެ މާކެޓަށް ނޫފަހި ބުރޭންޑް ނެރުން ކަމަށް އާޒިމް ވިދާޅުވި އެވެ.

"ވިޝަންއެއް އޮވެގެން ކަންކަން ކާމިޔާބު ވާނީ، އަޅުގަނޑުމެންގެ ވިޝަންއަކީ ރާއްޖޭގެ ޕުރޮޑަކްޓަތަކެއް ބައިނަލްއަގުވާމީ މާކެޓުގައި ވަކި ހިއްޕާލުން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އޭނާ ގަބޫލް ކުރާ ގޮތުގައި އެސްޓީއޯ ފަދަ ކުންފުއްޏަކަށް އެފަދަ ޕުރޮޑަކްޓެއް ރާއްޖެ އިން ބޭރުގައި މާކެޓް ކުރުމަކީ ފަސޭހަ ކަމެކެވެ.

"ލަންކާ އިންޑިއާއަށް ވެސް މާކެޓް ކުރެވިދާނެ، ލަންކާ މީހުން ރާއްޖެ އައިސް އެ މީހުންގެ ޕުރޮޑެކްޓް ރާއްޖެ ގެނެސް މާކެޓް ކުރާނަމަ ކީއްވެގެންތޯ އަޅުގަނޑުމެންގެ ޕުރޮޑެކްޓް އެ ގައުމުތަކަށް ގެންގޮސް މާކެޓް ނުކުރެވެންވީ. އަޅުގަނޑަށް އެއްވެސް ސަބަބެއް ނުވިސްނޭ،" އާޒިމް ވިދާޅުވި އެވެ. "ދިވެހި ރާއްޖެ ކޮންމެހެން ބޮޑުވާކަށް ނުޖެހޭ ރާއްޖޭގެ ބުރޭންޑެއް ރާއްޖެއިން ބޭރުގައި މާކެޓް ކުރާކަށް، މިކަމަށް ހަގީގަތުގައި ބޭނުންވަނީ މާކެޓިން އައިޑިއާސްތަކާއި ރަނގަޅު އުސޫލްތަކެއް."

މިހާރު ރާއްޖެ އަށް ނޫފަހި ޕުރޮޑެކްޓަ ގެންނަނީ ރާއްޖެއިން ބޭރުގައި ޕެކްކޮށްގެންނެވެ. މިވަގުތު އެޕުރޮޑަކްޓް ރާއްޖެއިން ބޭރުގައި ޕެކްކޮށްގެން ގެނައުމަށް ވިސްނީ މި ވަގުތަކީ އެހާ ބޮޑު އިންވެސްޓްމަންޓެއް ކުރަން ރަނގަޅު ދަނޑިވަޅެއް ކަމަށް ނުފެންނާތީ ކަމަށާއި ނަމަވެސް ހަގީގީ އަމާޒަކީ އެ ޕުރޮޑެކްޓްތައް ރާއްޖޭގައި ތައްޔާރުކޮށްގެން ޕެކްކޮށް ބާޒާރަށް ނެރުން ކަމަށް އާޒިމް ވިދާޅުވި އެވެ.

އެ ޕުރޮޑަކްޓްތައް ތައްޔާރު ކުރުމަށް ބޭނުންވާ މެޝިނަރީތަކަށް ގާތްގަނޑަކަށް ހަރަދުވާނީ 15 މިލިއަން ޑޮލަރު ކަމަށާއި އެކަން ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު އަހަރެއްގެ ތެރޭގައި ހަގީގަތަކަށް ހެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެގޮތަށް އަމިއްލަ ޕްރޮޑަކްޓެއް ވިއްކުމުގެ ބޭނުމަކީ ރައްޔިތުންނަށް އާންމުކޮށް ބޭނުންކުރާ ބައެއް ތަކެތި އެއްއަގެއްގައި ނުވަތަ އާންމުކޮށް ލިބެން ހުންނަ އަގަށް ވުރެ ރަނގަޅު އަގެއްގައި ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އާންމުކޮށް އެތަކެތި ލިބެން ހުންނަ އަގަށްވުރެ "އެސްޓީއޯ ނޫފަހި" ޕްރޮޑަކްޓްތަށް 10 ނުވަތަ 15 ޕަސެންޓް އަގު ހެޔޮވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެޕުރޮޑަކްޓަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށާއި އެގޮތުން ފުރަތަމަ ކޮންޓޭނާ ގެނެސް ވިއްކަން ފެށިތާ ދެ ފަހްތާގެ ތެރޭގައި ހުސްވެފައިވާ ކަމަށެވެ.

އެސްޓީއޯ ނޫފަހި ބްރޭންޑްގައި ޖުމްލަ ފަސް ބާވަތެއްގެ އުފެއްދުންތައް ހިމެނެ އެވެ. އެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ކައްކާތެޔޮ، ހިކިކިރު، ކާށި ކިރު އަދި ދޮންނަ ކުނޑި އެވެ.