24 Aug 2014, 11:21
އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ހުންނެވި އާސިމް އަބްދުއްސައްތާރު ވަޒީފާ އިން ވަކި ކުރުމަށް ފަހު އެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފި އެވެ.
އާސިމް އެ މަގާމުން ވަކި ކޮށްފައި ވަނީ އޭނާގެ ޕާފޯމެންސް ދަށް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ނިންމުމަށް ފަހު އެވެ. އޭނާ މަގާމުން ވަކި ކުރެއްވީ މި މަހުގަ އެވެ.
ނަމަވެސް ވަޒީފާ އިން ވަކި ކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް އާސިމް ގަބޫލެއް ނުކުރައްވަ އެވެ. އަދި އެ ކޮމިޝަނުން ދައްކާފައިވާ ވާހަކަތަކަށް އޭނާ އިންކާރުކޮށްފައިވާ އިރު ވަޒީފާ އިން ވަކި ކޮށްފައި ވަނީ "އިންސާފުންނޫން" ކަމަށް އާސިމް ވަނީ ވިދާޅުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މި މަހުގެ 17 ވަނަ ދުވަހު ކޮށްފައިވާ އިއުލާންގައިވާ ގޮތުން ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އެދި އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެ އެވެ. އެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް ކަމާއި އާސިމް ހަވާލުވެވަޑައިގެންނެވީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭނާ އެ މަގާމުން ވަކި ކޮށްފައި ވަނީ މި މަހު އެވެ. މިހާރު ސެކްރެޓަރީ ޖެނަރަލްގެ މަގާމުގެ މައްސޫލިއްޔަތު އަދާ ކުރައްވަނީ ވެސް ޑިރެކްޓަރު އަހްމަދު އަބޫބަކުރު އެވެ.