މެންޗެސްޓާ ޔުނައިޓްގެ ފޯވާޑް ވޭން ރޫނީއަށް ވުރެ އިނގިރޭސިވިލާތުގެ ގައުމީޓީމުގެ ކެޕްޓަންކަން ކުރަން ރަނގަޅީ ޗެލްސީގެ ޑިފެންޑަރު ގެރީ ކޭހިލް ކަމަށް އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

މޮރީނިއޯ މިހެން ބުނެފައި މިވަނީ އިނގިރޭސި ގައުމީޓީމުގެ ކެޕްޓަނަކަށް ރޫނީ ހަމަޖައްސަން އުޅޭކަމުގެ ވާހަކަތަކެއް އިނގިރޭސި މީޑިޔާގަ ދެކެވެމުންދާ ދުވަސްވަރެއްގައެވެ.

އިނގިރޭސީން ނޯވޭއާ ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗާއި ޔޫރޯ 2016 އަށް ކޮލިފައިން ވުމައްޓަކައި ސްވިޒަލެންޑާ ދެކޮޅަށް ކުޅޭން މެޗަށް އަންނަ ހަފްތާގައި އިނގިރޭސި ގައުމީ ސްކޮޑު އެކުލަވައިލާނެ އެވެ. އަދި ހަމަ އެހެންމެ އެޓީމުގެ ހުސްވެފައިވާ ކެޕްޓަން ކަމުގެ މަގާމު އަންނަ ހަފްތާގައި ޓީމުގެ ކޯޗު ރޯއީ ހޮގްސަން އިއުލާން ކުރާނެއެވެ.

މޮރީނިއޯ ބުނީ ކޭހިލަށް ކެޕްޓަން ކަމުގެ ރޯލު އަދާ ކުރޭވޭނެ ކަމާމެދު އޭނާ ޝައްކު ނުކުރާކަމަށެވެ. އަދި ރޫނީއާ އަޅާބަލާއިރު ކެޕްޓަނެއްގެ ސިފަ މާބޮޑަށް ވެސް ކޭހިލްގެ ފަރާތުން ފެންނަ ކަމަށާއި އިނގިރޭސި ގައުމީޓީމުގެ ކެޕްޓަނެއްގެ ޒިންމާ އޭނާއަށް އުފުލޭނެ ކަމަށް މޮރީނިއޯ ބުންޏެވެ.

ޗެލްސީގައި ވެސް ކެޕްޓަން ކަން ކުރުމުގެ ގާބިލްކަން ހުރި ގިނަ ކުޅުންތެރިންތަކެއް ތިބި ނަމަވެސް މޮރީނިއޯ ބުނީ ކުރިޔަށް އޮތްތަނުގައި 5 ނޫނީ 6 އަހަރުވަންދެން ޗެލްސީގެ ކެޕްޓަންކަން ކޭހިލް އަދާ ކޮށްފާނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކެޕްޓަންކަމުގެ މަގާމް ހުސްވެފައި ވަނީ ކުރިން އެމަގާމްގައި ހުރި ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް ގައުމީޓީމަށް ކުޅުން ހުއްޓައިލުމުންނެވެ.

އިނގިރޭސި ކެޕްޓަން ބޭންޑް ދޭނެކަމަށް ބޮޑަށް ބެލެވެނީ މިސީޒަންގައި ޗެލްސީން އެމެރިކާގެ ނިއުޔޯކް އެފްސީއަށް ބަދަލުވުމަށް ފަހު މިހާރު ލޯނު އެއްބަސްވުމެއްގައި މެންޗެސްޓާ ސިޓީއާ ގުޅިފައިވާ މިޑްފީލްޑަރު ފްރޭންކް ލަންޕާޑު ނުވަތަ މެންޗެސްޓާ ޔުނައިޓެޑްގެ އާ ކެޕްޓަން ރޫނީއަށެވެ.

ބޯލްޓަން ވޮންޑްރަސްއިން ވިދާލި އަދި އެ ޓީމުގެ ކެޕްޓަންކަން ވެސް ކޮއްފައިވާ ކާހިލް ވަނީ އިނގިރޭސި ވިލާތުގެ 20 އަހަރާއި 21 އަހަރުން ދަށުގެ ގައުމީޓީމަށް 3 މެޗުކުޅެފަ އެވެ. އަދި ކޭހިލް ވަނީ އިނގިރޭސި ސީނިއާ ޓީމަށް 27 މެޗު ކުޅެފައެވެ.