މެޗުގެ ފުރަތަމަ ހާފުގައި އެވަޓަން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ދެވަނަ ހާފު ނިމެން ދަނިކޮށް ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސީއާއި ފްރާންސް ފޯވަޑް އޮލިވާ ޖިރޫ ޖަހައިދިން ދެ ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަކޮށް ޕްރިމިއާ ލީގުގައި ރޭ އާސެނަލް އެވަޓަން އަތްދަށު ނުވެ ސަލާމަތް ވެއްޖެ އެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި މި ދެޓީމު އެންމެ ފަހުން ވާދަކުރި މެޗުން 3-0 ލަނޑުން ބަލިވެފައިވާ އާސެނަލްއަށް ރޭގެ މެޗުގެ ކުރީކޮޅުގައި ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި އެ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި ފުރަތަމަ ހާފުގެ 19 ވަނަ މިނިޓުގައި އެވަޓަންއަށް އާސެނަލްގެ ގޯލް ހުޅުވާލަދިނީ އަޔަލޭންޑް ޑިފެންޑަރު ސީމަސް ކޯލްމަން އެވެ. އާސެނަލްގެ ޕެނަލްޓީ އޭރިޔާތެރެއަށް ގެރެތު ބެރީ ހުރަސްކޮށްލި ބޯޅަ ގޯލްގެ މަތީ ކަނަށް ވައްދައިލީ ކޯލްމަން ބޮލުން ޖަހައެވެ.

އެވަޓަންގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކުރީ ފުރަތަމަ ހާފްގެ ފަހު މިނިޓްގައެވެ. ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ ފޮނުވާލި ތްރޫޕާހެއް ހިފައިގެން ގޮސް އާސެނަލްގެ ގޯލް ދާގަނޑުގެ މެދަށް ބޯޅަ ފޮނުވާލައިގެން އެވަޓަންގެ ދެވަނަ ލަނޑު ޖަހައިދިނީ ސްކޮޓިޝް ފޯވާޑް ސްޓީވަން ނައިސްމިތު އެވެ.

އާސެނަލްގެ ކޯޗް އާސީން ވެންގާ ދެވަނަ ހާފަށް އޭނާގެ ޓީމު ނެރުނީ، މި ސީޒަންގައި އަލަށް ޓީމާގުޅުނު ކުރިން ބާސެލޯނާއަށް ކުޅުނު ޗިލީގެ ވޯލްޑްކަޕް ތަރި އެލެކްސިސް ސަންޗޭޒްގެ ބަދަލުގައި ޖިރޫއަށް ފުރުސަތު ދިނުމަށް ފަހުއެވެ.

ދަނޑަށް ވަދެ ތިބި އާސެނަލް ސަޕޯޓަރުންނަށް ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައީ 83 ވަނަ މިނިޓްގައި ރަމްސީ ކާމިޔާބުކުރި ލަނޑާއެކު އެވެ. ސަންޓި ކަޒޯލާ އެވަޓަން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލް ކުރިމަތީގައި ހުރި ރަމްސީ ކަނާތުފައިން ޖަހައި ގޯލްތެރެއަށް ފޮނުވާލީ ކީޕަރަށް ކުޑަވެސް ފުރުސަތެއް ނުދީއެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި ޖިރޫ، އާސެނަލްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ޕޮއިންޓެއް ކަށަވަރުކޮށްދިނީ، އެވަޓަންގެ ގޯލް ކުރިމައްޗަށް އާސެނަލްގެ ސްޕެނިޝް ޑިފެންޑަރު ނާކޯ މޮންރިއަލް ހުރަސްކޮށްލި ބޯޅައެއް ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

މި ނަތީޖާއާ އެކު ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އާސެނަލް މިވަގުތު އޮތީ ތާވަލުގެ ތިން ވަނައިގައެވެ. ލެއިސެސްޓާ ސިޓީއަތުން ރޭ 2-0 އިން ފަސޭހަކަމާއެކު މޮޅުވެ ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއް ވަނައިގައި އޮތީ ޗެލްސީ އެވެ. އަދި ބާންލީ އަތުން 1-0 އިން މޮޅުވެ ދެމެޗުން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ ދެ ވަނަައިގައި އޮތީ ސްވަންސީ ސިޓީއެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އެސްޓަން ވިލާއާއި ނިއުކާސަލް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ކްރިސްޓަލް ޕެލަސް އަތުން 3-1 އިން ވެސްޓްހެމް ޔުނައިޓެޑް މޮޅުވިއިރު، އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ސައުތެމްޕްޓަން ކުޅުނު މެޗުވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.