24 Aug 2014, 10:39
ޣައްޒާ (އޮގަސްޓް 24) : ހަނގުރާމައިގެ މުޖްރިމުންގެ ގޮތުގައި އިސްރާއީލު ހަރުކަށި ވެރިންގެ މައްޗަށް ބައިނަލްއަގްވާމީ ގޮތުން ޝަރީޢަތް ހިންގުމަށް މަގުފަހި ކުރުމުގެ ގޮތުން ފަލަސްތީނުގެ ހުރިހާ ޖަމާއަތްތަކުން ސޮއިކުރުމަށް ރައީސް މަޙްމޫދު ޢައްބާސް ޝަރުތު ކުރައްވާފައިވާ ޑޮކިއުމަންޓްގައި ހަމާސްޖަމާއަތުން ސޮއިކޮށްފި އެވެ.
މިކަން ހާމަކުރައްވަމުން ޙަމާސްގެ ލީޑަރެއް ކަމަށްވާ މޫސާ އަބޫމަރްޒޫގް ވިދާޅުވީ މިޑޮކިއުމަންޓްގައި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހުރިހާ ޖަމާއަތްތަކުން ސޮއިކުރާނެ ކަމަށާއި ޙަމާސުން އިއްޔެ މިޑޮކިއުމަންޓްގައި ސޮއިކޮށްފައިވާ ކަމުގަ އެވެ. ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަނިޔާތަކުގެ ފަހަތުގައިވާ އިސްރާއީލުގެ ހަރުކަށިވެރިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ޙާޒިރު ކުރުމަށް އެދި އެކޯޓުގައި ދައުވާކުރެވެން ފަލަސްތީނަށް އޮތީ އެކޯޓު އުފެއްދުމުގެ މުއާހަދާގައި ފަލަސްތީނުގެ ދައުލަތުން ސޮއިކޮށްގެންނެވެ.
މިމުއާހަދާގައި ފަލަސްތީނުގެ ދައުލަތުން ސޮއިކުރުމަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ ވެރިކަމުގެ އިދާރާ އިން ތައްޔާރުކޮށްފައިވާ ގާނޫނީ ޑޮކިއުމަންޓްގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހުރިހާ ޖަމާއަތްތަކަކުން ސޮއިކުރުމަށް ރައީސް މަހްމޫދު އައްބާސް ވަނީ އެދިވަޑައިގެންފަ އެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާއި އެގައުމުގެ އިސްއެހެން މަސްއޫލުވެރިންނާ އަދި އިސްރާއީލު ސިފައިންގެ އިސްކޮމާންޑަރުންގެ މައްޗަށް ވަނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންގެ އެތައް ސަތޭކަ ބަޔަކު ގަސްދުގައި މެރުމާއި ޣައްޒާގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކަށާއި އާންމުންގެ ގެދޮރަށް ގަސްދުގައި ޙަމަލާދީ ހަނގުރާމައިގެ ޖަރީމާތަކާއި ގަތްލުއާންމުތައް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާކަމުގެ ކަމުގެ ތުހުމަތު ކުރެވިފަ އެވެ.
ފަލަސްތީނަކީ ދައުލަތެއް ކަމަށް އދ. އިން ވަނީ ގަބޫލުކޮށްފަ އެވެ. ނަމަވެސް އިސްރާއީލުގެ އިސްތިއްމާރާއި އަނިޔާވެރިކަމަށް ވާގިވެރިވާ އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުގެ ދެކޮޅު ހެދުންތަކުގެ ސަބަބުން އދ.ގެ ފުރިހަމަ މެންބަރަކަށް ވުމުގެ ފުރުސަތު ފަލަސްތީނަށް ވަނީ ނުލިބި އެވެ. މިއާއެކު ވެސް ވީޓޯ ކުރުމުގެ ބާރު ހުޅަނގުގެ ބާރުތަކަށް ނުލިބޭ އދ.ގެ އޮގަނައިޒޭޝަންތަކުގެ ފުރިހަމަ މެންބަރަކަށްވުމުގެ ފުރްސަތު ފަލަސްތީނަށް ވަނީ ފަހިވެފަ އެވެ.
މިގޮތުން އދ.ގެ އެޖެންސީއެއް ކަމަށްވާ ޔުނެސްކޯއިން ވަނީ އެ ޖަމްޢިއްޔާގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދީފަ އެވެ. އަދި ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާ ކަމަށްވާ ރޯމް ޗާޓަރުގައި ފަލަސްތީނުގެ ދައުލަތުން ސޮއިކުރުމުން އެ ކޯޓުގެ މެންބަރަކަށް ވުމުގެ ފުރްސަތު ވެސް ފަލަސްތީނަށް ލިބިގެންދާނެ ކަމަށް ގާނޫނީ މާހިރުން ދެކެ އެވެ. ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެންބަރެއް ނޫން ނަމަވެސް ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމުން ފަލަސްތީނަކީ ދައުލަތެއް ކަމަށް އިޢްތިރާފްވެ ފަލަސްތީނުގެ ދައުލަތް ބަލައިގެންފައިވެ އެވެ. ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފްވެފައިވާ ގައުމުތަކުގެ ތެރޭގައި ޔަހޫދީންގެ ނުފޫޒު ތަންކޮޅެއްކުޑަ ޔުރަޕްގެ ގައުމުތައް ވެސް ހިމެނެ އެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުޢާހަދާގައި ފަލަސްތީނުގެ ސަރުކާރުން ސޮއިކުރުމުގެ ކުރިން ފަލަސްތީނުގެ ހުރިހާ ޖަމާއަތްތަކުން މިކަމާ ބެހޭ ގާނޫނީ ލިޔުމުގައި ސޮއިކުރުމަށް ރައީސް މަޙްމޫދު ޢައްބާސް ޝަރުތު ކުރައްވާފައި ވަނީ މިކަމުގެ ސަބަބުން ފަލަސްތީނަށް ކުރިމަތިވެދާނެ ގާނޫނީ ޒިންމާތަކުގެ މައްސަލާގައި މަސްއޫލިއްޔަތު އުފުލުމަށް ފަލަސްތީނުގެ ހުރިހާ ޖަމާއަތްތައް ބައިވެރިވެ އެކަމަށް ތައްޔާރަށް ތިބިކަން ދުނިޔެ އަށް ކަށަވަރުކޮށްދިނުން ކަމަށް ވެ އެވެ. (އަލްޖަޒީރާ)