އަރްބީލް (އޮގަސްޓް 24) : އިރާގުގެ އެންމެ ބާރުގަދަ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ އައިއެސް ނުވަތަ އިސްލާމިކް ސްޓޭޓް ޖަމާއަތާ ދެކޮޅަށް އިރާގުގެ ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން މިހާރު ކުރަމުން ގެންދާ ހަނގުރާމައިގާ އަވަށްޓެރި އީރާނުގެ ސިފައިން ވެސް ބައިވެރިވެފައިވާކަން ކުރުދީން ހާމަކޮށްފި އެވެ.

ނަން ހާމަ ކުރަންނޭދޭ ކުރުދީންގެ އަސްކަރީ މަސްއޫލުވެރިއަކު ވިދާޅުވީ މިހަނގުރާމައިގާ އީރާން ސިފައިން ބައިވެރިވެފައި ވަނީ ވަރަށް ކުޑަކޮށް ކަމަށާއި މިކަން ކޮށްފައި ވަނީ އިރާގު ސަރުކާރުގެ އެދުމުގެ މަތިން ކަމުގަ އެވެ. ނަންހާމަ ކުރަންނޭދޭ ކުރުދީންގެ މަސްއޫލުވެރިއަކާ ހަވާލާދީ އަލްޖަޒީރާ ބުނާ ގޮތުން އީރާން ސިފައިންގެ ލަޝްކަރެއް ބައިވެރިވެފައި ވަނީ އިރާގުގެ އުތުރުގެ ދިޔާލީ ގަވަރނޭޓްގެ ސިޓީއެއް ކަމަށްވާ ޖޫލާއިން އައިއެސްގެ ހަނގުރާމަވެރިން ބޭރުކޮށްލުމަށް އިރާގު ސިފައިންނާއި ކުރުދީންގެ ބިޝްމަރުގާ ހަނގުރާމަވެރިން ކުރަމުންގެންދާ ހަނގުރާމައިގަ އެވެ.

މިހަނގުރާމައިގާ ބައިވެރިވުމަށް ސަރަހައްދީ ރޮނގު ހުރަސްކޮށް އިރާގަށް ވަދެފައި ވަނީ އީރާން ސިފައިންގެ ދޮޅުހާސް މީހުން ކަމަށާއި ޖޫލާ އިން އައިއެސްގެ ހަނގުރާމަވެރިން ބޭރުކޮށްލުމަށް ޓަކައި ފެށުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަންގެ ތާރީޚު ލަސްކޮށްލުމުން އީރާން ސިފައިން އިއްޔެގެ ވަގުތެއްގައި އެނބުރި އީރާނަށް ގޮސްފައިވާ ކަމަށް ކުރުދީންގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. ނަމަވެސް އީރާނުން ވަނީ އިރާގަށް ނުވަންނަ ކަމަށާއި އައިއެސް އާ ދެކޮޅަށް ކުރާ ހަނގުރާމައެއްގައި އެގައުމުގެ ސިފައިން ބައިވެރިނުވާ ކަމަށްބުނެ މިކަން ދޮގުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖޫލާގެ އެތެރެއަށް ވަދެގަތުމުގެ އޮޕަރޭޝަން ލަސްކޮށްލުމަށް އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން ނިންމީ އައިއެސްގެ ހަނގުރާމަވެރިން ދިން ކުއްލި ޙަމަލާތަކެއްގައި ޖޫލާގެ ރަށްބޭރުގައި ތިބި ކުރުދީ ހަނގުރާމަވެރިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވުމާ ގުޅިގެން އަސްކަރީ ޕްލޭނަށް ބައެއް ބަދަލުތަކެއް ގެނައުމަށްޓަކަ އެވެ. ކުރުދީ ހަނގުރާމަވެރިން މިހާރު ވަނީ ޖޫލާގެ ރަށްބޭރުގެ ސަރަހައްދުތައް ހިފާފަ އެވެ. ކުރުދީ ހަނގުރާމަވެރިންނަށް މިސަރަހައްދުތައް ހިފުނީ އީރާން ސިފައިންގެ އެހީތެރިކަމާއެކުގައި ކަމަށްވެ އެވެ.

ޖޫލާގެ އެތެރެއަށް ވަދެގަނެ އައިއެސްގެ ހަނގުރާމަވެރިން އެރަށުން ބޭރުކުރުމުގެ އޮޕަރޭޝަންގައި ބައިވެރިވުމުގެ ދައުވަތު އިރާގު ސަރުކާރުން އީރާން ސިފައިންނަށް ދިނީ އައިއެސްގެ ހަނގުރާމަވެރިން އެރަށުގެ ވަށައިގެން ގިނައަދަދެއްގެ މައިތައް ވަޅުލައި އަނދަވަޅުތައް ހަދައި ދިފާއީ ވަރުގަދަ ލައިންތަކެއް ގާއިމްކޮށްފައި ވާތީ ޖޫލާގެ އެތެރެއަށް ވަދެގަތުމުގެ އޮޕަރޭޝަނުގެ ނުރައްކާވެރިކަމުގެ ބޮޑުކަމުން އީރާންފަދަ ޢަސްކަރީ ތަޖްރިބާހުރި ގައުމެއްގެ އެހީތެރިކަމާނުލައި މިކަން ކުރަންދަތިވާނެތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އައިއެސް އާ ދެކޮޅަށް އިރާގުގެ ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން ކުރަމުން ގެންދާ ހަނގުރާމައިގާ އީރާނުގެ ސިފައިން ބައިވެރިވެފައިވާ މައްސަލައަކީ ޙައްސާސީ މައްސަލައަކަށް ވާތީ އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އިރާގު ސަރުކާރުން ވަނީ ފަސްޖެހިފަ އެވެ.

ޖޫލާ އިން އައިއެސްގެ ހަނގުރާމަވެރިން ފައްސާލެވިއްޖެ ނަމަ އިރާގުގެ އުތުރުގައި އައިއެސްގެ ކޮންޓްރޯލްކުރާ ސަރަހައްދުތައް މިނިވަން ކުރުމަށް މިހާރަށް ވުރެ ފަސޭހަވެގެންދާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. އަދި ބަރުހަތިޔާރާ އެކު އީރާން ސިފައިން ބައިވެރިވެއްޖެ ނަމަ މިއޮޕަރޭޝަން ކާމިޔާބު ކުރެވިދާނެކަމުގެ ޔަގީންކަން އޮތްކަމަށް ކުރުދީންގެ އަސްކަރީ ކޮމާންޑަރުން ބުނެ އެވެ. އެމެރިކާގެ ވައިގެ ޙަމަލާތަކާ އެކު އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން މިދިޔަ ހަފްތާގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި އިރާގުގެ އެންމެ ބޮޑު ޑޭމް ކަމަށްވާ މޫސިލް ޑޭމް ވަނީ އައިއެސްގެ ހަނގުރާމަވެރިންގެ އަތްދަށުން މިނިވަން ކޮށްފަ އެވެ. (އަލްޖަޒީރާ)