ރާއްޖޭގެ ހެލްތު އިންސުއަރެންސް ސްކީމް "އާސަންދަ"ގެ ދަށުން ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ލިބޭގޮތް ހެދުމަށް ހެލްތު މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ އެކްޓިން ހެލްތު މިނިސްޓަރް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމު މިހާރު ބެންކޮކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭން ލިބެން ނުހުންނަ ހިދުމަތްތައް އާސަންދައިގެ ދަށުން ބެންކޮކް ހޮސްޕިޓަލުން ލިބޭނެ ގޮތް ހެއްދެވުމަށް އެ ހޮސްޕިޓަލްގެ ވެރިންނާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ބުނީ ރާއްޖޭގެ ހޮސްޕިޓަލްތަކަށް ސްޕެޝަލިސްޓުންނާއި އިކްއިޕްމެންޓް ހޯދުމަށް ވެސް އެހޮސްޕިޓަލްގެ ވެރިންނާ މިނިސްޓަރް މަޝްވަރާކުރެއްވި ކަމަށެވެ.

މަޝްވަރާ ކުރެއްވި އެހެން ކަންތައްތަކުގެ ތެރޭގައި ބަލި މީހުންނަށް ބޭނުންވާ އެންމެހައި ބޭސްތައް ހުސްނުވެ ފަސޭހައިން ލިބެން ހުންނާނެ ނިޒާމެއް ޤާއިމުކުރުން ހިމެނެ އެވެ. ހެލްތް ކްލިނިކް ޚިދުމަތްތައް ހަރުދަނާ ކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުންނާއި ރާއްޖޭގައި ޓެލެމެޑިސިން ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމާއި ވީހާވެސް ލުއިފަސޭހަކޮށް ބޭސް ފަރުވާގެ ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުމަށްޓަކައި ބެންކޮކް ހޮސްޕިޓަލާއި އައިޖީއެމްއެޗް އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އަދި ބުނީ މަޝްވަރާތަކަށް ފަހު އެކުލަވާލާފައިވާ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކުރުމަށް ބެންކޮކް ހޮސްޕިޓަލްގެ ވަފުދެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ.