24 Aug 2014, 10:27
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނޭޒޭޝަން (އެސްޓީއޯ) އިން ހިނިތުންވުމާ އެކު ހިދުމަތްދޭން ފަށައިފި އެވެ.
"ސުމައިލް ކެމްޕެއިން" ނަމުގައި އެސްޓީއޯ އިން މިއަދު ތައާރަފްކުރި އެ ކެމްޕެއިން ފައްޓަވައި ދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. އެގޮތުން އާޒިމް ވަނީ އެސްޓީއޯ ސުޕަމާކެޓުން އެއްޗެއް ގަތް ކަސްޓަމަރަކަށް ހިނިތުންވުމާ އެކު ހިދުމަތްދެއްވައިފަ އެވެ.
އެ ކެމްޕެއިނާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާޒިމް ވިދާޅުވީ އެކެމްޕެއިނާ އެކު އެސްޓީއޯ އިން ރައްޔިތުންނަށްދޭ ހުރިހާ ހިދުމަތެއް ދޭނީ ހިނިތުންވުމާ އެކު ކަމަށެވެ.
"އެސްޓީއޯ އިން ބޭނުން ވަނީ ކަސްޓަމަރުން ހިތްހަމަޖެހޭ ހިދުމަތެއް ދިނުމަށް،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ އެކެމްޕެއިން ރަސްމީކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެއް މަސް ދުވަހުގެ ނިޔަލަށް ކަމަށާއި އެ މުއްދަތަށް ފަހު ހިނިތުންވުމާ އެކު ހިދުމަތް ދިނުމުގެ ރީތި ސިފަ އެކުންފުނީގެ މުއައްޒަފުންގެ ކިބައިގައި އަށަގަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އެއް މަސް ދުވަހުގެ އެ ކެމްޕެއިންގެ ތެރޭގައި ހިނިތުންވުމާ އެކު ހިދުމަތްދޭނެ ގޮތުގެ ޓްރެއިނިން ޕްރޮގްރާމްތަކެއް ވެސް އެސްޓީއޯ މުވައްޒަފުންގެ މެދުގައި ހިންގާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.