ސްޓެލްކޯ މާލޭގެ އިންޖީނުގެއަށް ތެޔޮބަރުކުރާ ޕަންޕް ސްޓޭޝަނުން ތެޔޮ ފޮނުވާ ހޮޅިއަށް ލިބުނު ގެއްލުމަކާ ގުޅިގެން އެސަރަހައްދުގެ މޫދަށް ތެޔޮ އެޅިއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ ރޭގެ ހާދިސާ ހިނގުމާ ގުޅިގެން އެސަރަހައްދުގެ ތިމާވެއްޓަށް ލިބޭނެ ގެއްލުން ކުޑަކޮށް މައްސަލަ ހައްލުކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ހޮޅިން އިތުރަށް ތެޔޮ ލީކް ނުވާނެހެން މަރާމާތުކޮށްފައިވާނެ ކަމަށާއި މޫދަށް ލީކުވެފައިވާ ތެޔޮ އިތުރަށް ފެތުރިގެން ނުދާނެހެން ޕްރޮޓަކްޝަން ޝީޓް ޖެހުމާއި މޫދަށް ލީކުވެފައިވާ ތެޔޮ ސާފުކުރުމަށް ޚާއްސަކޮށްފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ތެޔޮ ސާފުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައިވެ އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތެއް ފޯރުކޮށްދިނުމުގެ ތެރެއިން ދިމާވި އެ ހާދިސާއަކީ ސްޓެލްކޯ އިން ކަންބޮޑުވާ ކަމެއް ކަމަށާއި އެފަދަ ހާދިސާއަކުން ތިމާވެއްޓަށާއި އާންމު ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކާއި ދަތިތަކުން ސަލާމަތްތެރިކަމާއި ރައްކާ ތެރިކަން ހޯދައި ދިނުމާއި އެފަދަ ހާދިސާއެއް ދިމާނުވާނެހެން ސްޓެލްކޯގެ މަސައްކަތްތައް ރާވައި ހިންގުމަކީ އެކުންފުނީގެ މަސައްކަތާއި ހިދުމަތުގެ އެންމެ ފުރަތަމަ ވާޖިބުކަމުގައި ދެކި އެގޮތަށް ޢަމަލުކުރާ ކަމަށް ވެސް ސްޓެލްކޯއިން ބުނެ އެވެ.

އެ ހާދިސާ ހިނގުމާ ގުޅިގެން މިފަދަކަމެއް ތަކުރާރު ނުވާނެ ގޮތްތަކުގެ މަތިން އެކުންފުނިން ކުރިއަށް އޮތްތާގައި އަމަލުކުރަމުން ގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.