އެއީ ޒިންމާދާރު ވަޒީފާއެއްގައި އުޅޭ އުމުރުން 23 އަހަރުގެ ޒުވާނެކެވެ. އޭނާ ބުނާ ގޮތުން ދީނެއް ނުވެ އެވެ. އަޅުކަން ކުރުމަކީ އޭނާ ގަބޫލު ކުރާ، އަދި ދަންނަ ކަމެއް ވެސް ނޫނެވެ. އޭނާގެ ނަޒަރުގައި ދުނިޔެއަކީ ހަމައެކަނި "މަޖާ" ކުރަން ޖެހޭ ތަނެކެވެ.

އޭނާއަކީ ވެސް ސައްތައިންސައްތަ ކަމަށް ބުނާ މި ގައުމުގެ ނޫކަށިފުރައިގެ ޒުވާނެކެވެ. އެފަދަ އެތައް ކުދިންނެއް، ޒުވާނުންނެއް މިގައުމުގައި މިހާރު ދަނީ އުފެދެމުންނެވެ. އަދި ދަނީ އުފައްދަމުންނެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް ރާއްޖެ ވަޑައިގެން އުޅުއްވި ދުވަސްވަރު ދިވެއްސަކު އިސްލާމްދީން ގަބޫލް ނުކުރާ ކަމަށް ފާޅުގައި ހާމަކުރި ހިސާބުން ދީނީ ކަންކަން ރާއްޖޭގައި ގޮސްފައިވާ ހިސާބު ހާމަވެގެން ދެ އެވެ.

"ދިވެހިން އިސްވެ ހުރެ ދީނާ ދެކޮޅަށް އެބަ އުޅޭ. އެފަދަ [އިސްލާމް ދީނާ ދެކޮޅު] ސީޑީތައް ވެސް ފެނިފައި އެބަ ހުރި. އެ ވިސްނުމުގެ ދިވެހިންނާ ދިމާވެފައި ވެސް އެބަ ހުރި. އެހެން ދީންތައް ފެތުރުމަށް ކުޑަކުދިންނަށް ހަދާފައި ހުންނަ ދިވެހި ލަވަ ވެސް އެބަހުރި،" އިސްލާމިކް ފައުންޑޭޝަން މީޑިއާ ކޮޑިނޭޓަރު އިބްރާހިމް ފައުޒީ ވިދާޅުވި އެވެ.

ދިވެހިން އިސްލާމް ދީނުން ބޭރުކުރުމަށް ރޭވިގެން އެތައް ކަމެއް ހިނގަމުންދާ އިރު، ދީނުން ބޭރު ކުރުމަށް އެންމެ ބޮޑަށް އަމާޒު ހިފާފައި ވަނީ ޒުވާނުންނަށެވެ. މަތީ ތައުލީމް ހާސިލްކުރާ ދެ ޖިންސުގެ ޒުވާނުންނަށް ބޮޑު އިސް ކަމެއް ދީގެން މީގެ އެތައް އަހަރެއް ކުރިން ވެސް އެފަދަ ޖަރީމާތައް ހިންގާފައި އެބަ ހުއްޓެވެ. އެގޮތުން ރާއްޖޭގައި ދޭ ބައެއް ސުކޮލާޝިޕްތަކުގެ ސަބަބުން ވެސް އެގޮތަށް ޒުވާނުން ދީނުން ބޭރުކޮށްފައި އެބަހުއްޓެވެ. ސަބަބަކީ ބައެއް ސުކޮލާޝިޕްތަކަކީ ފުޅާދާއިރާއެއްގައި ޣައިރު ދީންތައް ފަތުރާ ޔުނިވާސިޓީތަކާއި ކޮލެޖްތަކުން ދޭ "ހަދިޔާ"އަކަށް ވުމުންނެވެ. ޒުވާނުންގެ އިތުރުން ކުޑަކުދިންނަށް ޓާގެޓްކޮށްގެން ވެސް އިސްލާމް ދީނުން ބޭރުކުރުމުގެ ހަރަކާތްތައް ހިންގާފައި އެބަހުއްޓެވެ.

"އިސްލާމްދީން ނޫން އެހެން ދީންތަކަށް މީހުން ވެއްދުމުގެ ކަންކަމީ މީގެ އެތައް އަހަރެއް ކުރިން ވެސް މިގައުމުގައި ހިންގަމުންދާ ކަމެއް. އޭގެ ތެރޭގައި ބައެއް ދީންތަކަށް މީހުން ބަދަލުކުރަން އުޅޭ އިރު އެއްވެސް ދީނެއް ގަބޫލު ނުކުރާ ބަޔަކަށް މީހުން ހެދުމަށް ވެސް މަސައްކަތް ކުރޭ،" ކަމާ ބެހޭ މަސްދަރަކުން މައުލޫމާތު ދިނެވެ.

ސުކޫލްތަކުގެ މެނޭޖްމަންޓްތަކުން ދަރިވަރުންނަށް ތައުލީމް ދިނުމަށް އަމަލުތައް ބަހައްޓާފައި ހުންނަނީ ރަނގަޅު އުސޫލެއްގެ މަތިން ކަމަށް ގަބޫލް ކުރެވެ އެވެ. ނަމަވެސް ވަކިވަކި ބައެއް ޓީޗަރުން ސްކޫލްތަކުގައި ކިޔަވައިދުމުގެ ތެރެއިންނާއި ބައެއް ޓިއުޝަންތައް ދިނުމުގެ ތެރެއިން އެހެން ދީންތަކަށް ކުދިން ވެއްދުމަށް މަސައްކަތް ކޮށްފައި އެބަ ހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންކަން އަތޮޅު ތެރޭގައި މިހާރު ވެސް ހިނގަމުން އެބަދެ އެވެ.

އެފަދަ އެއް ހާދިސާ އަށް ބަލަމާތޯ އެވެ. މީގެ ދެ ތިން އަހަރު ކުރިން ތ. ކިނބިދޫ އިން ފެންމަތިވި ކަންތައްގަނޑެކެވެ. އެ ރަށަށް ގޮސް އުޅުނު "ޑޭވިޑް" ނަމަކަށް ކިޔާ ބިދޭސީއެކެވެ. އޭނާ އެ ރަށަށް ދިޔައީ ރާއްޖޭގެ ގިނަ ރަށްރަށެއްގައި އުޅެފަ އެވެ. އެނގިފައިވާގޮތުގައި ނަސާރާ ދީން ފެތުރުމަށް އޭނާ ވަނީ އެކި ރަށްތަކުގައި މަސައްކަތް ކޮށްފަ އެވެ. ހިތްހެޔޮ މީހަކަށްވެގެން އެ ރަށުގެ ގިނަ ބަޔަކާ ގާތް ގުޅުމެއް އޭރު ބޭއްވި އެވެ. ނަމަވެސް ފަތިފުށް ފަޅާއަރައި ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ޑީޕޯޓްކޮށްލީ އެކަން ހާމަވުމާ ގުޅިގެންނެވެ. ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ މި ރާއްޖޭގައި އެގޮތަށް މަސައްކަތް ކުރަނީ އެންމެ މީހެއް ނޫން ކަމެވެ.

ޣައިރު ދީން ފެތުރުމަށް ފާޅުގައި ރޭޑިއޯ ޕްރޮގްރާމްތައް ވެސް އުފައްދަމުން އެބަދެ އެވެ. ޣައިރު ދީންތަކުގެ ބައެއް ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް މި މުޖުތަމައުގެ ތެރޭގައި ގެންގުޅެމުންދެ އެވެ. ސޯޝަލް މީޑިއާގައި އެކިއެކި ގުރޫޕްތަކާއި ޕޭޖްތައް ހަދައިގެން އިސްލާމް ދީން ނޫން މީހުން މިގައުމުގައި ތިބިކަން އެންގުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މާތް ﷲ އާއި ރަސޫލާ އަށް ފާޅުގައި ފާޑު ކިޔައި މަލާމާތްކޮށްފައި ހުންނަ ކާޓޫނާއި ލިޔުން ޝާއިއު ކުރާ ދިވެހި ޕޭޖުތައް މިއަދު ސޯޝަލް މީޑިއާގެ ތެރޭ އެބައުޅެ އެވެ.

ބަވަނަ ވަމުންމިދާ ދުނިޔޭގައި ރާއްޖެ ވެސް މިވަނީ ދުނިޔޭގެ އެހެން ގައުމުތަކާއި ގުޅި ލާމެހިފަ އެވެ. އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ރާއްޖެ އަށް ކަމެއް ފަތުރާލުން މިއަދު ވަނީ ފަސޭހަ ކަމަކަށްވެފަ އެވެ. ތަފާތު ދީންތަކާއި ފާހިޝް އަމަލުތައް އިސްތިހާރު ވާގޮތަށް ކުޅެފައިވާ ފިލްމުތަކާއި ލަވަތައް އާންމުވުމަކީ ވެސް ބައެއް މީހުންގެ އީމާންތެރިކަން ބަލިކަށިވެ ގޯސް މަގު އިހުތިޔާރު ކުރުމުގެ އަސްލަކަށް މިވަނީ ވެފަ އެވެ.

ދީނީ އިލްމުވެރިޔާ ހަސަން މޫސާ ފިކުރީ ވިދާޅުވާ ގޮތުގައި މީހުން ދީނާ ދުރުވެ، އިސްލާމީ އަގީދާ ބަލިކަށި ވުމުގެ ހަގީގީ މައްސަލަ އަކީ ދީން ރަނގަޅަށް ނޭނގި ދީނާ މެދު ވިސްނާއި ފިކުރު ނުކުރުމެވެ.

"އިސްލާމްދީން ގަބޫލު ނުކުރާ ބައެއް ޒުވާނުން އަމިއްލަ އަށް އައިސް އެބަ ހުރި އަޅުގަނޑުގެ ކައިރިއަށް. އޭގެ ތެރެއިން ބައެއް މީހުން ވަނީ ތައުބާވެ އަލުން އިސްލާމްދީން ގަބޫލު ވެސް ކޮށްފައި،" ސަލަފްގެ ނައިބް ރައީސްކަން ވެސް ކުރައްވާ ހަސަން މޫސާ ފިކުރީ ވިދާޅުވި އެވެ.

ދީނާ ދެކޮޅަށް މި ގައުމުގައި ރާވައިގެން އެތައް މަސައްކަތެއް ބަޔަކު ކުރަމުންދާއިރު އުފެދޭ ސުވާލަކީ ދީން ހިމާޔަތް ކުރުމަށް އިސްކަންދީގެން މަސައްކަތްތަކެއް ކުރެވޭތޯ އެވެ؟

މީޑިއާތަކުން ވެސް އިސްލާމްދީނާ މުސްލިމުންގެ އަގީދާ ވަރުގަދަ ކުރުމަށް އެކަށިގެންވާ ވަރަށް ޕްރޮގްރާމްތަކެއް ނުފެންނައިރު، ރޯދަ މަސް ދިއުމަށް ފަހު އެފަދަ ޕްރޮގުރާމެއް ފެނުމަކީ "ހުދު ކާޅެއް" ފެނުން ފަދަ ކަމެކެވެ. އަދި ހާއްސަކޮށް ދީނީ އެކިއެކި މައްސަލަތަކުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ފޯރުކޮށްދޭ ޕްރޮގުރާމްތައް މީޑިއާތައް މެދުވެރިކޮށް އިތުރު ކުރަން ޖެހޭ ކަމަށް ބެލެވެ އެވެ.

ދީނުގެ މައްސަލަތަކުގައި ވަކާލާތު ކުރާ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ޒުވާނުން ދީނާ ދުރުވުމުގެ އެންމެ ބޮޑު މައްސަލައަކީ ތައުލީމީ ދާއިރާ އިން ދީނީ ތައުލީމް ދެވޭލެއް މަދުވުމެވެ. ރާއްޖޭގެ މުގައްރަރު އޮތީ ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ތައުލީމީ މަންހަޖު އޮންނަން ޖެހޭ ގޮތަށް ނޫން ކަމަށް އެތައް ބަޔަކު ގަބޫލު ކުރެ އެވެ.

"ތައުލީމީ ނިޒާމްގެ ތެރެއިން ދީނުގެ ބައި ކުޑަކުރެވިފައިވުމަކީ ހަގީގީ މައްސަލަ. އަސްލު މައްސަލަގެ ހައްލު ހޯދުމަށް މަސައްކަތް ކުރާ ކަމަކަށް ނުބެލެވޭ. ސަބަބަކީ ތައުލީމީ ދާއިރާ އަށް ބަދަލު ގެންނަން މަސައްކަތް ކުރާތަން ނުފެނުނު،" އިސްލާމިކް ފައުންޑޭޝަން މީޑިއާ ކޮޑިނޭޓާ އިބްރާހިމް ފައުޒީ ވިދާޅުވި އެވެ.

ދީން ގަބޫލު ނުކުރާ މީހުން މިއަދު މުޖުތަމައުގައި އުޅޭ އިރު މިއީ އިޖުތިމާއީ މައްސަލަތަކެއް ފެންމަތިވުމަށް ވެސް ދިމާވާނެ ސަބަބެވެ. އެގޮތުން ފަހުގެ ތާރީހުތަކުގައި ދީނުގެ މައްސަލަތަކާ ހެދި އަމިއްލަ އަށް ދަންޖެހިގެން މަރުވެފައި ވެސް އެބަހުއްޓެވެ. އަދި ބައެއް މާރާމާރީތައް ވެސް ހިނގާފައި އެބަހުއްޓެވެ. ކުއްލިއަކަށް ފެންމަތިވާ މަރު މައްސަލަތައް ވެސް އެކަމާ ގުޅުމެއް އޮވެދާނެ އެވެ.

މިހާ ހިސާބުން ދެން އުފެދޭ ސުވާލަކީ އެކަމުގައި އެންމެ ރަނގަޅު ގޮތަކީ ކޮބާބާ އެވެ؟

"އެންމެ ރަނގަޅު ގޮތަކީ އެކަހަލަ މީހުންނަށް [ދީން ގަބޫލުނުކުރާ] އެޓޭކް ނުކޮށް ސަބަބު ބަލައި ފަރުވާ ދިނުން، އަދި ހަމައެހެންމެ ތައުލީމީ ދާއިރާ މަންހަޖު އިސްލާހު ކުރަމުންދާ ދުވަސްވަރެއްގައި ދީނީ ތައުލީމް މަންހަޖުގެ ތެރޭގައި ބޮޑަށް ހިމެނުމަށް މަސައްކަތް ކުރަންޖެހޭ،" ސަލަފްގެ ރައީސް، ވިދާޅުވި އެވެ.

އެފަދަ ދީނީ މައްސަލަތަކުގައި އުފެދޭ ސުވާލުތަކަށް އެދެވޭ ޖަވާބުތައް ހޯދުމަށާއި ތައުބާވެ ހެޔޮ މަގު ހޯދުމަށް ރާއްޖޭގައި ހިންގާ އިސްލާމުދީން ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ގުޅުމުން އެހީވެދޭނެ ކަމަށް އެޖަމިއްޔާތަކުން ބުނެއެވެ.

ސައްތައިން ސައްތަ އިސްލާމީ މިގައުމުގައި އެހެން ދީންތައް ފެތުރުމާއި އެދީންތަކުގެ ވާހަކަތައް ދެއްކުމުގެ ފުރުސަތު ދޭކަށް ނުޖެހެ އެވެ. ދެން އުފެދޭ ސުވާލަކީ އިސްލާމީ މިގައުމުގައި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އެހެން ދީނެއް ފެތުރުމަށް މަސައްކަތް ކުރާނަމަ އެފަދަ ކަންކަން ހުއްޓުވާނީ ކިހިނެއްތޯ އެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ޗީފް އެގްޒެކްޓިވް، އިލްޔާސް އަހުމަދު ވިދާޅުވި ގޮތުގައި އިސްލާމްދީނަށް ގޮންޖަހައި ނުވަތަ އިސްލާމްދީން ނޫން އެހެން ދީނެއް ފެތުރުމަށް އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރާ ނަމަ އެ އޮތޯރިޓީ އަށް އެންގުމުން އެކަން ހުއްޓުވާނެ ކަމަށެވެ. އެގޮތުން އެފަދަ މައުލޫމާތެއް ލިބޭ ފަރާތެއްވާ ނަމަ އެ އޮތީރިޓީ އަށް އެންގެވުމުން އެދޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މީގެ ކުރިން ވެސް ވާނީ އެފަދަ ވެބްސައިޓްތައް ވެސް ހުއްޓުވާފައި، ދެން ވެސް ލިބޭ މައުލޫމާތަކަށް ބަލައި އެފަދަ ކަންކަން ހުއްޓުވާނަން،" އިސްޔާސް ވިދާޅުވި އެވެ.

މިމައުލޫގައި އިސްލާމިކް މިނިސްޓާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ނަމަވެސް ކުރިން ދެއްވާފައިވާ އިންޓަވިއުތަކުގައި ޝަހީމް ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ ދީނީ އަގީދާ ވަރުގަދަކޮށް ޒުވާނުން އިސްލާދީނުގެ ކަންތައްތަކަށް ހޭލުންތެރި ކުރުމަށް ހާއްސަ ސަމާލު ކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން ޒުވާނުންނަށް އިސްލާމްދީނުގެ ކަންތައްތައް އުނގަންނައި ދިނުމުގައި ސައިންޓިފިކް ގޮތްތައް ބޭނުން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު އެކަންތައްތައް ކުރުމަށް ގަސްތު ކުރަނީ ޒަމާނީ އުސޫލްތަކެއްގެ ތެރެއިން. އެގޮތުން ޒުވާނުންގެ އިސްލާމީ އަގީދާ ހަރުދަނާ ކުރުމަށް ޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނީ ސައިންޓިފިކް ހަގީގަތްތަކާ އެއްގޮތަށް،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ތައުލީމީ އޮނިގަނޑުގެ ތެރެއިން އިސްލާމީ ތަރުބީއްޔަތުގެ ބައި ނުވަތަ އިސްލާމްދީނާއި ގުޅުން ހުރި ބައިތަކާއި އިސްލާމީ މުގައްރަރު ވަރަށް ބޮޑަށް އިސްލާޙު ކުރަން ޖެހޭ ކަމަށާއި އެ ބަދަލުތައް ގެނައުމަށް އެޑިޔުކޭޝަން މިނިސްޓްރީ އަށާއި އަދިވެސް ކަމާ ގުޅުން ހުރި ވުޒާރާތަކަށް އިރުޝާދު ދެއްވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.

ހަގީގަތް ކިތަންމެހާ ވެސް ހިތާމަވެރިއެވެ. ނަމަވެސް އެއީ ހަގީގަތެވެ. ދިވެހިންގެ މި ބިމުގައި މާތްވެގެންވާ އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ދިނުމަށް ކިތަންމެހާ ވެސް މަސައްކަތެއް ދަނީ ކުރަމުންނެވެ. މިކަމަކީ މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ ކަމެކެވެ. މާތްވެގެންވާ އިސްލާމްދީން ނޫން ދީނަކަށް މި ބިމުން ޖާގަ ދޭކަށް ނުޖެހެ އެވެ.