ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ތިން މީހުންގެ ތެރެއިން އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެފި އެވެ.

ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މީހުންގެ ތެރޭ ހިމެނެނީ އުމުރުން 13 އަހަރުގެ ކުއްޖަކާއި 19 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރުގެ މީހެކެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުންދަނީ އުމުރުން 19 އަހަރުގެ މީހާ އަށް ކަމަށެވެ. އަދި އޭނާ މިވަގުތު ހޭ އަރާފައި އޮތް ނަމަވެސް ހާލު ސީރިއަސް ކަމަށް ޒީނަތު ވިދާޅުވި އެވެ.

"ސާޖަރީ ހަދާފައި ޕޭޝަންޓް އޮތީ. ކޮންސަސް އެކަމަކު ޕޭޝަންޓް ސިކް،" ޒީނަތު ވިދާޅުވި އެވެ.

ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ 19 އަހަރުގެ މީހާގެ ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލަދީފައިވާ އިރު، ރޭގެ މާރާމާރީގައި 13 އަހަރުގެ ކުއްޖާގެ ބޮލުގައި އެއްޗަކުން ޖަހައި ވަނީ ޒަހަމްކޮށްލައިފަ އެވެ. އަދި 20 އަހަރުގެ މީހާގެ ބުރަކަށްޓަށް ވަނީ ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލައިފަ އެވެ.

ޒީނަތު ވިދާޅުވީ ރޭގެ މާރާމާރީގައި ހޮސްޕިޓަލަށް ގެންދިޔަ 13 އަހަރުގެ ކުއްޖާ އާއި 20 އަހަރުގެ މީހާ އަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ލިބުނު އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ ރޭގެ ހަމަލާއާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ސައިކަލްތަކެއްގައި ގޮސް މަގުމަތިން ހިނގާފައި ދިޔަ ތިން މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ އިސްކަންދަރު ސްކޫލް ކުރިމަތިން އޮންނަ "ފުޑްބޭންކް" ހުންނަ "ދިދި ގޯޅީ"ގެ ތެރޭގަ އެވެ.