ފައިނަލް މެޗުގައި ޕޮލިސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން އެޓީމު ބަލިކޮށް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑަކާއެކު ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، 23 ވަނަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފޯރިގަދަ ފައިނަލްގައި މުހައްމަދު ސާޖިދު (ކާއްޓޭ)ގެ ކޯޗު ކަމުގެ ދަށުގައި ކުޅުނު ސިފައިންގެ ޓީމުން މެޗުގެ ފުރަތަމަ ސެޓް ގެންދިޔައީ، 26-27 އިންނެވެ. އަދި ވާދަވެރި ފުރަތަމަ ސެޓަށް ފަހު މެޗުގެ ދެވަނަ ސެޓް ސިފައި ގެންގޮސްފައި ވަނީ ފަސޭހަކަމާއެކު 15-25 ޕޮއިންޓުންނެވެ.

ނިޒާރު އިބްރާހީމްގެ ކޯޗު ކަމުގެ ދަށުގައި ކުޅެމުން އައި ޕޮލިސް ޓީމުން ތިން ވަނަ ސެޓުގައި އިތުރަށް ވަރުގަދަކޮށް ހަމަހަމަ ނަތީޖާއަކާއެކު ކުޅެމުން ދަނިކޮށް މެޗުގެ އޮފިޝަލުންނަށް އެރި އޮޅުމަކާ ގުޅިގެން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގަން މެދުވެރިވި އެވެ. އަދި ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ ސެޓް ސިފައިން ކާމިޔާބުކޮށް، ފަސް އަހަރު ތެރޭގައި މި މުބާރާތުގެ ތަށި ހަތަރުވަނަ ފަހަރަށް ޔަގީން ކުރީ 21-25 އިން ސެޓް ކާމިޔާބު ކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު މުބާރާތުގެ އެންމެ މޮޅު ސްޕައިކަރުގެ މަގާމް ހޯދީ ޑީއެސްސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެޓީމުގެ އަޝްފާގު އާދަމް (އައްކަޅޭ) އެވެ.

މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޕޮލިސް ކްލަބުގެ ހަސަން ނިލާމް ހޮވުނު އިރު އެ އުމުރު ފުރަައިގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ވިޗެންޒާގެ ލުގްމާން ލަތީފު އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޗެމްޕިއަން ސިފައިންގެ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު ހޮވުނު އިރު މުބާރާތުގެ ފެއަ ޕްލޭ ޓީމަކަށް ވެސް ހޮވުނީ، ސިފައިންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް މުޙްތާޒު މުޙުސިން ޝަރަފްވެރި ކޮށްދެއްވި ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތަކަށް އައި ކުޅުންތެރިންނަށް ޓީމުތަކަށް އެމަނިކުފާނު ވަނީ އިނާމާއި މެޑެލް ހަވާލުކޮށްދެއްވައިފައެވެ.

މުބާރާތުގެ އެންމެ މޮޅު ސާވަރަކަށް ހޮވުނީ ސިފައިންގެ ޓީމުގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. އެންމެ މޮޅު ސެޓަރަކަށް ޕޮލިސް ކްލަބުގެ އިޝާން މުޙައްމަދު (ބަޓިސް) ހޮވުނު އިރު އެންމެ މޮޅު ބްލޮކަރަކަށް ހޮވުނީ ސިފައިންގެ ޓީމުގެ އަލީ އާމިރު އެވެ. އަދި ބެސްޓް ލިބަރޯއަކަށް އެޓީމުގެ މުޙައްމަދު ޝާހު ހޮވުނު އިރު އެންމެ މޮޅު ޑިގަރަކަށް ހޮވުނީ ޕޮލިސް ކްލަބުގެ މުޙައްމަދު ޝާއިން އެވެ.