ޕްރިމިއާ ލީގުގައި ޗެލްސީ މިރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ޑިއެގޯ ކޯސްޓާ އާއި އެޑަން ހަޒާޑްގެ ޖެހި ދެ ލަނޑާއެކު ލީގުގައި ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދައިފި އެވެ.

ޗެލްސީގެ ސްޓެމްފޮޑް ބްރިޖުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-0 ލަނޑުން ލެސްޓާ ސިޓީއާ ވާދަކޮށެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ޗެލްސީގެ ކުޅުމަށް ބަދަލުތަކެއް ފެނިގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. މެޗުގައި ޖެހި ދެ ލަނޑު ވެސް ފެނިގެން ގޮސްފައި ވަނީ މެޗުގެ ފަހުހާފުގަ އެވެ.

ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިއެގޯ ކޯސްޓާ އެވެ. މިއީ ވިދިވިދިން ކޯސްޓާ ޗެލްސީއަށް ލަނޑެއް ކާމިޔާބު ކޮށްދިން ދެ ވަނަ މެޗެވެ. ބާންލީއާއެކު އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ވެސް ކޯސްޓާ ވަނީ ލަނޑު ޖަހާފަ އެވެ.

މި ނަތީޖާގައި ވަނިކޮށް، ލެސްޓާ ސިޓީގެ ޑޭވިޑް ނުގެންޓް ވަނީ ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލައެއް ފޮނުވާލާފަ އެވެ. ޗެލްސީގެ ގޯލު ބަލަހައްޓަމުންދިޔަ ތިބޮޓް ކޯޓުވާ ވަނީ ހުޝިޔާރުކަމާއެކު އެހަމަލާ ދިފާއު ކޮށްފަ އެވެ.

ޗެލްސީގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފައި ވަނީ 77 ވަނަ މިނިޓްގައި ސެސް ފެބްރިގާސް ދިން ބޯޅައަކުން ހަޒާޑެވެ. މި މެޗުގެ 80 ވަނަ މިނިޓްގައި ޗެލްސީގެ ކުރީގެ ތަރި ޑިޑިއޭ ޑްރޮގްބާ ވަނީ ކޯސްޓާގެ ބަދަލުގައި ކުޅެން ނުކުމެފަ އެވެ.

މެޗަށްފަހު ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ ކުރިއަށް ހުރި މެޗުތަކުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުމުން އެ އިން ދައްކައި ދެނީ އަދި އިތުރަށް ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭ ކަމެވެ. އަދި މެޗު ކުޅުއިރު އޮތް މޫސުމަކީ ފުޓްބޯޅަ ކުޅެން އެންމެ ރަނގަޅު މޫސުމެއް ނޫން ކަމަށާއި އެގޭ ސަބަބުން ފުރަތަމަހާފްގައި ފެނިގެން ދިޔައީ ވަރަށް ކަންނެތް ކުޅުމެއް ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.