ރާއްޖޭގެ 45 އަހަރުން މަތީގެ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ ފުރަމަތަ މެޗު 3-2 ލަނޑުން ތައިލެންޑުގެ 45 އަަަހަރުން މަތީގެ ޓީމު ކާމިޔާބުކޮށްފި އެވެ.

އެ މެޗަކީ ސޮކާ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސުން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އާއި ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން ތައިލެންޑުގެ 45 އަހަރުން މަތީގެ ކުޅުންތެރިން ހިމެނޭ ޓީމަކާ ދެކޮޅަށް ކުޅުމަށް ރާވާފައިވާ އެކުވެރި ކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗެވެ.

ގައުމީ ފުޓްބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ތިން ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ކުރި ހޯދީ ތައިލެންޑް ޓީމުންނެވެ. ތައިލެންޑް ޓީމަށް އެ ލަނޑު ޖަހައިދިނީ އެ ޓީމުގެ ފޯވާޑް ސުރަޗާއީ ޕޫސަވަން އެވެ. ރާއްޖޭ ހާފުގެ މެދެއްހާ ހިސާބުން ޕޫސަވަންއަށް ލިބުނު ބޯޅަ ހިފައިގެން އެކަނި ގޮސް ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލް ކީޕަރު މުޙައްމަދު އިގުބާލުގެ އަތްކައިރިންލާފައި ގޮސް ވަނީ ގޯލުގެ ތިރީ ކަނަށެވެ.

ތައިލެންޑް ޓީމުން ލަނޑު ޖެހިތާ ފަސް ވަރަކަށް މިނިޓް ފަހުން މެޗުގެ ނަތީޖާ ހަމަހަމަކުރަން ރާއްޖޭ ޓީމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ތައި ޓީމުގެ ޕެންލަޓީ އޭރިޔާގެ ބޭރުން އިބްރާހިމް ޝަރީފް (ގަރޭ) ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ މަތީ ކަނާދިމާއިން ބޭރަށެވެ. އޭގެ ދެ މިނިޓް ފަހުން ވެސް ގަރޭއަށް ރަނގަޅު ފުރުސަތެއް ލިބި ގެއްލުނެވެ. ތައިލެންޑް ޕެނަލްޓީ އޭރިޔާ ތެރެއިން ގަރޭ ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ކޯނަރަކަށް ބޭރުވީ އެވެ.

މެޗުގެ 16 ވަނަ މިނިޓްގައި ވެސް ރާއްޖޭ ޓީމަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ތައިލެންޑް ޕެނަލްޓީ އޭރިޔާ ތެރެއިން އިބްރާހީމް ހަލީމް ބޮލުން ޖަހައި ފޮނުވާލި ބޯޅަ ތައިލެންޑް ޓީމުގެ ގޯލް ބަލަހައްޓަމުން ދިޔަ ދިވެހި ކީޕަރު ފަޔާޒު މަތަކުރީ އެވެ.

ރާއްޖޭ ޓީމުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރީ 21 ވަނަ މިނިޓުގަ އެވެ. ތައިލެންޑްގެ ޕެނަލްޓީއޭރިޔާގެ އަރިމަތިން ބޭރުން ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން އަބްދުﷲ އާމިރު ގޯލު ތެރެއަށް ހުރަސްކޮށްލި ބޯޅަ ވަރަށް ރީތިކޮށް ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލީ މުޙައްމަދު ނަދީމެވެ.

ހާފެއްގައި 30 މިނިޓް ކުޅުނު އެ މެޗުގައި ދެވަނަ ފަހަރަށް ތައިލެންޑު ޓީމަށް ކުރި ހޯދައި ދިނީ މެޗުގެ 27 ވަނަ މިނިޓުގައި އެ ޓީމުގެ ކުރިއަށް ކުޅުނު ޕަނުވަތު ނަރަނޮންގެވެ. އެ ލަނޑަށް ފަހު ރާއްޖޭ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރަން އިތުރު ހިތްވަރަކާއެކު ކުޅުނު ނަމަވެސް ފުރަތަމަ ހާފް ނިމިގެންދިޔައީ 2-1 އިން ތައިލެންޑް ކުރީގައި އޮވެ އެވެ.

ދެ ވެނަ ހާފުގެ ކުޅުން ފެށިގެން 10 ވަރަކަށް މިނިޓް ތެރޭގައި ރާއްޖޭ ޓީމުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އެލަނޑު ރާއްޖޭ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މުޙައްމަދު ނިޔާޒު އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ތައިލެންޑް ޓީމަށް ތިން ވަނަ ފަހަރަށް ކުރި ހޯދައި ދިނީ، 53 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިން ސުރަޗާއީ ޕޫސަވަން އެވެ. އޭނާއަށް ރާއްޖޭ ހާފުގެ މެދެއްހައި ހިސާބުން ލިބުނު ބޯޯޅަ ގޯލް ތެރެއަށް ފޮނުވާލީ ރާއްޖޭ ޓީމުގެ ފަހަތް ބަލަހައްޓަން ހުރި ހަމައެކަނި ޑިފެންޑަރު ކައިރިން ނައްޓާލާފައި ގޮސް ގޯލު ކީޕަރު އިގްބާލު ކައިރިން ވެސް ބޯޅަ ކަޓުވައިލާފަ އެވެ.

މެޗު ނިމެން ދަނިކޮށް ރާއްޖޭ ޓީމަށް ތިންވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރަން ވެސް ފުރުސަތު ލިބުނެވެ. އެގޮތުން 58 ވަނަ މިނިޓްގައި ތައިލެންޑް ޕެނަލްޓީ އޭރިޔާ ތެރެއިން ގަރޭއަށް ލިބުނު ބޯޅަ އަމާޒު ކުރެވުނީ ކީޕަރު އަތަށެވެ. އަދި 60 ވަނަ މިނިޓްގައި މުޙައްމަދު ހަމީދަށް ތައި ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް އެ ޓީމުގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

ތައިލެންޑުގެ 45 އަހަރުން މަތީގެ ޓީމާ ދެކޮޅަށް ރާއްޖޭގެ 45 އަހަރުން މަތީގެ ކުޅުންތެރިން ހިމެނޭ ޓީމު ކުޅެން ހަމަޖެހިފައިވާ އެކުވެރި ކަމުގެ ދެވަނަ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު ހަވީރު 4:00ގައި ހެންވޭރު ފުޓްބޯޅަ ދަނޑުގަ އެވެ.

ދޮށީ އުމުރުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުޅޭ އެ ދެމެޗުގައި ވެސް ތައިލެންޑް ޓީމުގައި ވެސް އަދި ރާއްޖޭ ޓީމުގައި ވެސް ދެ ގައުމުގެ ގައުމީ ޓީމަށް ކުރިން ކުޅުނު ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ.