މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ބަޔަކު މީހުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ވަގަށް ނެގި ކަމަށް ގަބޫލުކުރުމުގެ ޖާގަ ބޮޑު ކަމަށް ދިވެހި މީޑިއާގެ އިދާރާތަކުން ބުނެފި އެވެ.

ދިވެހި މީޑިއާގެ އިދާރާތައް ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރިޟްވާން ގެއްލުމަކީ ހުރިހާ ނޫސްވެރިން އިންތިހާ އަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މީހުން ވަގަށް ނެގުމާއި ވީނުވީގޮތެއް ނޭނގި ގެއްލުންފަދަ ނުރައްކާތެރިކަމާ ބިރުވެރިކަން ގޮސް ހުއްޓޭނީ ހަމައެކަނި ނޫސްވެރިންނާ ހަމައެއްގައެއް ނޫނެވެ. މިއީ ކޮންމެ ދިވެހި ދަރިޔަކަށް، ކޮންމެ އާއިލާއަކަށް އަދި މުޅި މުޖުތަމައަށް ކުރިމަތިވެފައިވާ ނުރައްކަލެކެވެ. ބިރުވެރި ކަމެކެވެ،" މީޑިއާގެ އިދާރާތަކުން ގުޅިގެން ނެރުނު ބަޔާނުގައި ވެއެވެ.

ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އިން ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރުކޮށްދީފައިވާއިރު މީހަކު ބުނާ ބަހަކުން، ކުރާ ޚިޔާލަކުން، ލިޔާ ލިޔުމަކުން އަދި ކުރާ އިޝާރާތަކުން އޭނާ އަށް އިންޒާރު ދިނުމާއި ހަމަލާދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ރިޟުވާން ހޯދުމުގެ ތަހުގީގު ދިގުދެމިގެންދާ ކަމަށާއި އަދި އެ މައްސަލައާ ބެހޭ މައުލޫމާތު މީޑިއާ އަށާއި އާންމުންނަށް އެކަށީގެންވާ ގޮތެއްގައި މިހާތަނަށް ހާމަކޮށްފައި ނުވާ ކަން ފާހަގަ ކުރެވޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ އެކި އިދާރާތަކުގެ އެޑިޓޯރިއަލް ސިޔާސަތު ތަފާތު ވިޔަސް "ހުރިހާ ނޫސވެރިންނަކީ އެއް އާއިލާއެއް" ކަމަށެވެ.