23 Aug 2014, 12:18
މިސީޒަނަށް ވަރުގަދަކުރި ސްޕެއިންގެ ރެއާ ލްމެޑްރިޑް ބަލިކުރުމަށްފަހު ވާދަވެރި އެތުލެޓިކޯ މެޑްރިޑުން ސްޕެނިޝް ސުޕަކަޕް ކާމިޔާބުކޮށްފި އެވެ. ވިސެންޓޭ ކަލްޑެރޯންގައި ކުޅުނު މެޗު އެތުލެޓިކޯ އިން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.
ދެ ލެގުގެ މައްޗަށް ކުޅުނު ސްޕެނިޝް ސުޕަކަޕުގެ ފުރަތަމަ ލެގުގައި ރެއާލްގެ ސެންޓިއާގޯ ބެރްނެބުއޭ ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ 1-1 އެއްވަރު ވެގެންނެވެ. ނިމިދިޔަ ސީޒަންގައި ވެސް އެތުލެޓިކޯ އިން ވަނީ އަވަށްޓެރި މެޑްރިޑް ފަހަތަށް ޖައްސާލުމަށް ފަހުގައި ލީގުގެ ތަށި ކާމިޔާބު ކޮށްފަ އެވެ.
ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު 2-1 ލަނޑުގެ އެގްރިގޭޓުން އެތުލެޓިކޯ ތަށި ކާމިޔާބު ކުރިއިރު މެޗުގެ ހަމައެކަނި ލަނޑު 81 ސިކުންތުގައި ކާމިޔާބުކުރީ މިސީޒަނަށް ޖަރުމަނުގެ ބަޔާން އިން އެތުލެޓިކޯއަށް ގެނައި މާރިޔޯ މަންޑްޒުކިޗް އެވެ. މިއީ ސުޕަކަޕުގެ ތާރީހުގައި ކާމިޔާބުކުރި އެންމެ އަވަސް ލަނޑެވެ. އަދި މަންޑްޒުކިޗް އެޓީމަށް ކާމިޔާބުކޮށްދިން ފުރަަތަމަ ލަނޑު ވެސް މެ އެވެ.
މިމެޗުގައި ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ ރެފްރީގެ ނިންމުންތަކާއި ހިތްހަމަ ނުޖެހިގެން ހަތަރު ވަނަ އޮފިޝަލާ ޒުވާބުކުރުމުން އެތުލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ވަނީ ބެންޗުން ފޮނުވާލާފަ އެވެ. މިއީ އެންމެ ފަހުން މި ދެޓީމު ވާދަކުރި ތިން މެޗުގެ ތެރެއިން ސިމިއޯނީ ބެންޗުން ފޮނުވާލި ދެވަނަ މެޗެވެ.
މިި މެޗުގެ ކުރިން ރެއާލުން މިސީޒަންގައި ވިއްކާލާނެ ކަމަށް ބެލެވޭ ސެމީ ކެދީރާ ވަނީ ރޭ ބަޔާން ކުޅުނު މެޗު ބެލުމަށް ޓަކައި ޖަރުމަނަށް ގޮސްފަ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑުން މިހާރު ބިޑްކުރުމަށް ތައްޔާރުވަމުންދާ ޑި މަރިއާ ރޭގެ މެޗުގެ ސްކޮޑުގައި ހިމެނިފައެއް ނުވެ އެވެ.
މެޗުގެ ފަހު ވަގުތު ރެއާލް މެޑްރިޑުން ކުޅެމުންދިޔައީ އެއް ކުޅުންތެރިޔަކު މަދުކޮށް ދިހަކުޅުންތެރިންނާ އެކުއެވެ. އެތުލެޓިކޯގެ ކްރިސްޓިއަން ރޮޑްރިގޭޒަށް ކުރި ފައުލަކާ ގުޅިގެން ދެރީނދޫ ކާޑާ އެކު ލުކާ މޮޑްރިޗަށް ވަނީ ރަތްކާޑު ދައްކާފަ އެވެ.
މި މެޗަކީ ވޭތުވެ ދިޔަ 29 އަހަރުތެރޭގައި ރެއާލްގެ ކީޕަރަކަށް އިކާ ކަސިޔަސް، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެ ބަލިވި ފުރަތަމަ ފަހަރެވެ.
އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއެގޯ ސިމިއޯނީ ވަނީ ރޭ ހޯދި ސްޕެނިޝް ސުޕަކަޕާ އާއެކު ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެތުލެޓިކޯއަށް ސްޕެއިން ލީގާއި ޔުރޮޕާލީގާއި ކޮޕާ ޑެލްރޭ އާއި ޔުއެފާ ސުޕަކަޕް އެޓީމަށް ކާމިޔާބު ކޮށްދީފަ އެވެ.