އިސްރާއީލު ސިފައިން މިއަދު ޣައްޒާއަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ދެމަފިރިއަކާއި އެމީހުންގެ ތިން ކުދިން ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ މައާން ނިއުސް އެޖެންސީން ބުނީ ދަހުރޫޖް އާއިލާގެ އެންމެން ޝަހީދުވީ ޣައްޒާގެ މެދުތެރޭގައިވާ އަލް ޒަވައިދާ އަވަށުގައިވާ އެމީހުންގެ ގެއަށް އިސްރާއީލް ސިފައިން ބޮން އަޅައި އެގެ ބިމާ ހަމަކޮށްލުމުން ކަމަށެވެ.

ދަހުރޫޖް އާއިލާގެ އެންމެން ޝަހީދުވުމުން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު ވަނީ 2098 އަށް އަރާފަ އެވެ. އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޒަހަމްވީ މީހުންގެ އަދަދު މިހާރު ވަނީ 10550 އަށް އަރާފަ އެވެ. ޝަހީދުވި މީހުންނާއި ޒަހަމްވީ މީހުންގެ 70 ޕަސެންޓަކީ އާއްމުންނެވެ.