23 Aug 2014, 14:56
ކަޝްމީރުގެ އިންޑިއާ ފަޅި އާއި ޕާކިސްތާނު ފަޅި ވަކިކުރާ ސަރަހައްދުގައި ދެ ގައުމުގެ ސިފައިން ހަމަލާ ބަދަލުކޮށް، ހަތަރު މީހުން މަރާލައިފި އެވެ.
އިންޑިއާ ސިފައިންގެ އިސް އޮފިޝަލަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ރަމްބީރު ސިންހް ޕޫރާ ސަރަހައްދުގައިވާ އިންޑިއާ ސިފައިންގެ އެތައް ބޯޑަރް ޕޯސްޓަކަށާއި މަދުވެގެން ތިން އަވަށަކަށް ޕާކިސްތާނު ސިފައިން ހަމަލާ ދިނުމުން އިންޑިއާ ސިފައިން ބަދަލު ހިފީ ކަމަށެވެ.
ދަރުމެންދުރާ ޕަރީކް ނަމަކަށް ކިޔާ އެ އޮފިޝަލް ބުނި ކަމަށް ނޫހުން ބުނީ ޕާކިސްތާނު ސިފައިން ދިން ހަމަލާތަކުގައި އިންޑިއާގެ އަވަށަކުން އުމުރުން އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި ބޮޑު މީހަކު މަރުވި ކަމަށެވެ. އަދި ބޯޑަރު ބަލަހައްޓާ އިންޑިއާ ސިފައިންގެ މީހަކާއި އާއްމުންގެ މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
ޕާކިސްތާން ސިފައިންގެ އޮފިސަރަކު އޭޕީއަށް ބުނެފައި ވަނީ ކަޝްމީރުގެ ޕާކިސްތާނު ފަޅީގައިވާ ސިއަލްކޮޓް ސިޓީ ކައިރީގައިވާ ސަރަހައްދަކަށް އިންޑިއާ ސިފައިން އެއްވެސް ކަމަކާ ނުލައި ހަމަލާ ދިނުމުގެ ސަބަބުން އާއްމުންގެ ދެމީހުން މަރުވި ކަމަށެވެ.
އިންޑިއާ ޑިފެންސް މިނިސްޓަރު އަރުން ޖައިޓްލީ ވިދާޅުވެފައި ވަނީ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމާ ޕާކިސްތާނު ސިފައިން ހިލާފުވުން ގިނަވެފައިވާ ކަމަށެވެ. އަދި އިންޑިއާ ސިފައިން އެ އިން ކޮންމެ ފަހަރަކު ފުރިހަމަ ބާރާއެކު ރައްދުދީފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ދައްކަމުން އައި ވާހަކަތައް މިދިޔަ ހަފުތާގައި ވަނީ މެދު ކަނޑާލާފައެވެ. އެއީ އިންޑިއާގައި ހުންނެވި ޕާކިސްތާނުގެ އެމްބެސެޑަރު އިންޑިއާ ސަރުކާރާ ވަކިވެގަތުމަށް މަސައްކަތް ކުރާ ޖަމާއަތެއްގެ ބަޔަކާ ބައްދަލު ކުރެއްވުމާ ގުޅިގެންނެވެ.