23 Aug 2014, 14:26
ރާއްޖެ އިން މެލޭޝިޔާ އަށް ދިޔަ ތިން ދިވެއްސަކު އެ ގައުމަށް އެތެރެެ ވިޔަ ނުދީ އެއް ދުވަސް ވަންދެން ބައްދުގައި ބޭތިއްބުމަށްފަހު އަނބުރާ ރާއްޖެ ފޮނުވައިލައިފި އެވެ.
މި ތިން ދިވެހިން މެލޭޝިއާއަށް ގޮސްފައި ވަނީ މިދިޔަ މިމަހުގެ ނުވަ ވަނަ ދުވަހު މެލޭޝިއަން އެއާލައިނުންނެވެ.
މެލޭޝިޔާގައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު މުހައްމަދު ފަޔާޒު މިއަދު ސަން އަަށް ވިދާޅުވީ އެ ގައުމަށް ދިޔަ ތިން ދިވެއްސަކު އެތެރެވިޔަ ނުދީ އެއާޕޯޓް ހޯލްޑިންގައި އެއް ދުވަސް ވަންދެން ބަންދުކޮށްފައި ތިބި ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއާޕޯޓްގައި ހިފެހެއްޓި ދުވަސް ނޫން އަނެއް ދުވަހުގެ ރޭ އެ ތިން މީހުން އަނބުރާ ރާއްޖެ ފޮނުވާލާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ތިން ދިވެހިން އަނބުރާ ރާއްޖެ ފޮނުވާލީ ޓޫރިސްޓް ވިސާގައި ގޮސް އެ ގައުމުގައި ވަޒީފާ އަދާކުރަން އުޅޭ ކަމަށް ޝައްކު ކުރެވިގެން ކަމަށް އެ ގައުމުގެ އިމިގްރޭޝަންގެ އޮފިޝަލުންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.
"އެ މީހުން ބަންދުކޮށްފައި ބަހައްޓާފައި ތިބީ އެއާޕޯޓްގައި ހުންނަ އެއާޕޯޓް ހޯލްޑިންސްގައި، އެ މީހުންނާ ބައްދަލުކުރަން ދިޔަ މި ކޮމިޝަންގެ ވަފުދާ އެ މީހުންނާ ބައްދަލުވާ ގޮތެއް ނުވޭ އެ މީހުން އެ ގައުމަށް އެތެރެނުވާ ކަމަށް ބުނެ، އިމިގްރޭޝަނުން އެ ތިން މީހުން ހިފެހެއްޓީ އޭގެން ކޮންމެވެސް މީހެއްގެ ވާހަަކައިން އިމިގްރޭޝަންގެ އޮފިޝަލުންނަށް އެއީ ވަޒީފާ އަދާކުރަން ދިޔަ ބައެއް ކަމަށް ބެލެވިގެން ކަމަށްވަނީ،" ފަޔާޒު ވިދާޅުވި އެވެ.
މެލޭޝިއާއަށް ދިޔަ އެ ތިން ދިވެހިން ބަންދުގައި ބައި ތިއްބާފައި ތިބީ ކާން ނުދީ ކަމަށް "އަޑުފެތުރުނު" ނަމަވެސް އެފަދަ އެއްވެސް ޝަކުވާއެއް އަދި އެފަދަ ވާހަކައެއް ވެސް އެ މީހުންނާ އެކު މެލޭޝިޔާ އަށް ވަޑައިގެންނެވި ކުރީގެ ސަފީރު މުހައްމަދު ޒަކީ ވެސް ވިދާޅުނުވާ ކަމަށް ވެސް ހައި ކޮމިޝަނަރު ވިދާޅުވި އެވެ.
"ޒަކީއާ އަޅުގަނޑާ ދިމާވި އެފަދަ ވާހަކައެއް ވިދާޅެއް ނުވޭ، އަދި ބަންދުގައި އެ ތިން މީހުން ތިބި އިރު ކާން ބޯން ނުދޭ ވާހަކައެއް ވެސް ވިދާޅެއް ނުވޭ. އެފަދަ ޝަކުވާއެއް ވެސް ނެތް، އެ މީހުން އަނބުރާ ފޮނުވާލުމަށް ޓިކެޓްގެ ކަންތައްތައް ހަމަޖެއްސެވީ ވެސް ޒަކީ،" ފަޔާޒު ވިދާޅުވި އެވެ.