23 Aug 2014, 13:56
މާލޭ ޖަލުގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ފިހުނު މީހާ ރާއްޖެ އިން ބޭރަށް ގެންދަން ބޭނުންވި ނަމަވެސް ޑޮކްޓަރުން ހުއްދަ ދީފައިނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ޖަލުގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން ގައިދީއަކު ވަނީ ފިހިފަ އެވެ. އޭގެ ތެރެއިން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ ރ. އިންނަމާދޫ އެވަލީސްޓް، އަހުމަދު ނިޒާމަށެވެ. އޭނާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ އައިޖީއެމްއެޗުން އޮޕަރޭޝަން ކުރަން ބުނި ނަމަވެސް ފަޔަށް މަހާއި ހަން އެރުވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ހޮސްޕިޓަލުން ބުނެފައި ވަނީ އޭނާގެ ފައި ފަޅާލައިގެން އޮޕަރޭޝަން ކުރެވިދާނެ ކަމަށާއި ނަމަވެސް އާއިލާއިން އެގޮތް ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ.
"އެބޭފުޅުން ބޭނުންވާ ކަހަލަ އާދައިގެ އޮޕަރޭޝަނެއް ކޮންމެ ތާކުން ވެސް ކުރެވިދާނެ. އެގޮތަށް އެކަން ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ. ބޭރަށް ގެންގޮސްގެން ފަޔަށް މަހާއި ހަން އަރުވަން އަޅުގަނޑުމެން ބޭނުން ވަނީ،" ނިޒާމްގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ސެންޓަރުގެ މީޑިއާ ކޯޑިނޭޓަރު މޫސާ ރަމީޒު ވިދާޅުވީ ގާނޫނު ބުނާ ގޮތުން ގައިދީއަކު ރާއްޖެ އިން ބޭރަށް ގެންދޭނީ ރާއްޖެ އިން އެފަދަ ފަރުވާއެއް ދެވެން ނެތް ނަމަ ކަމަށެވެ. ނަމަވެސް އޭނަގެ ފައިގެ ހަން ބަދަލުކޮށްގެން އޮޕަރޭޝަން ކުރެވޭނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވާ ކަމަށް މޫސާ ރަމީޒު ވިދާޅުވި އެވެ.
މޫސާ ރަމީޒު ވިދާޅުވީ ރާއްޖެ އިން ބޭރަށް ގެންދެވޭނީ އެ އިދާރާގެ މެޑިކަލް ބޯޑަށް ހުށަހަޅައިގެން ކަމަށާއި ނަމަވެސް އެމީހާގެ ފައިގެ އޮޕަރޭޝަނަކީ "ސިއްހީ ގޮތުން ވަރަށް ކުޑަ ކަމެއް ކަމަށް" ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އާއިލާއިން އޭނާ ރާއްޖެ އިން ބޭރަށް ގެންދަން ބޭނުންވެގެން އުޅޭތީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.