23 Aug 2014, 13:36
ދާޚިލީ ހަނގުރާމައިގެ އަނދަވަޅަކަށް ވެއްޓިފައިވާ ލިބިޔާގެ ވަގުތީ ސަރުކާރަށް އިތުބާރު އޮތްރޯ ބެލުމަށް ނަގާ "ވޯޓް އޮފް ކޮންފިޑެންސް" ބާއްވައި ނިމެންދެން އެގައުމުގެ ސިޔާސީ ބޭފުޅުންނާއި އެހަފްލާ ކަވަރު ކުރާ ނޫސްވެރިން ބޭތިއްބުމަށް ހޮޓަލެއްހެން ހަދާފައި ހުރި ކްރޫސް ޝިޕްއެއް ކުއްޔަށް ހިފައިފިއެވެ.
ބީބީސީ ބުނީ ލިބިޔާގެ ސަރުކާރުން ކުއްޔަށް ހިފާފައިވާ "ފްލޯޓިންގް ހޮޓެލް" ކްރޫސް ޝިޕް އެންމެ ފަހުން ފެނިފައިވަނީ އެގައުމުގެ ޓޮބްރޫކް ހާބަރު ކައިރިން ކަމަށެވެ. އަދި ބުނީ އެއީ ލިބިޔާގައި އަލައް އުފެދިފައިވާ "ހައުސް އޮފް ރެޕްްރެޒެންޓޭޓިވްސް"ގެ މެމްބަރުންގެ މެދުގައި އެގައުމުގައި މިހާރު އޮތް އިންޓެރިމް ގަވާމަންޓް ނުވަތަ ވަގުތީ ސަރުކާރު ފާސްކުރުމަށް ބޭއްވޭ "ވޯޓް އޮފް ކޮންފިޑެންސް" ނިމެންދެން ހުރުމަށް ހޮޓަލެއްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޕެއް ކަމަށެވެ.
ޕާލަމަންޓްރީ ސެޓްލްމަންޓް ކޮމިޓީގެ ހެޑް ފަރަޖް ނަޖީމް ވިދާޅުވެފައި ވަނީ ވޯޓު ދިނުމުގެ ހަފްލާ ބޭއްވެންދެން ކްރޫސް ޝިޕްއެއް ކުއްޔަށް ނެގީ އެހަފްލާ ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ސިޓީކަމަށްވާ ބެންގާޒީގައި ޕާލަމަންޓްރީގެ ހުރިހާ މެމްބަރުން ތިބުމަށް ވާވަރަށް ހޮޓާނެތުމުން ކަމަށާއި ޑެޕިއުޓީއިން ފިޔަވަފައި އެހަފްލާގައި ބައިވެރިވާ ހުރިހާ އެންމެންވެސް ތިބޭނީ އެޝިޕްގައި ކަމަށެވެ.
" 'ފްލޯޓިންގް ހޮޓެލް' އަކީ ހުރިހާ ޕާލަމެންޓްގެ ބޭފުޅުންނާއި އެބޭފުޅުންގެ އެސްކޯޓުންގެ އިތުރުން ހުރިހާ ނޫސްވެރިންވެސް އެހަފްލާ ނިމެންދެން ތިބޭނެތަން. ނަމަވެސް ހުރިހާ ޑެޕިއުޓީ އިން ތިބޭނީ ޓޮބްރޫކްގައި ހުންނަ ޑަރް އެއްސަލަމް ހޮޓަލުގައި، ބޯޓަކު ނޫން." ޕާލަމަންޓްރީ ސެޓްލްމަންޓް ކޮމިޓީގެ ހެޑް ފަރަޖް ނަޖީމް ވިދާޅުވި ކަމަށްވެއެވެ.
2011 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ލިބިޔާގެ ޑިކްޓޭޓަރު މުއައްމަރު ގައްދާފީގެ ވެރިކަން ވައްޓާލުމަށް ފަހު މިއަހަރުގެ މެއި މަހު އެގައުމުގެ ސުލްހަ ދެމެހެއްޓުމަށް ވަނީ ވަގުތީ ސަރުކާރެއް އުފައްދާފައެވެ. ނަމަވެސް ލިބިޔާގައި ހަރަކާތްތެރިވަމުންްދާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ސަބަބުން އެގައުމު ވަނީ ހަލަބޮލިވެ ހަނގުރާމައިގެ މައިދާނަކަށް ވެފައެވެ.