23 Aug 2014, 13:12
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މަޖިލީހަށް ފޮނުއްވާފައިވާ ފަސް ބޭފުޅުނަށް ރުހުން ދޭން ފެންނަ ކަމަށް މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފި އެވެ.
އޭސީސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ފަސް ބޭފުންނަކީ އެ ކޮމިޝަނުގެ މިހާރުގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ރަޝީދުގެ އިތުރުން ނ. ހޮޅުދޫ ބޮޑުވަޅުދޮށުގޭ އާމިނަތު މިންނާ އާއި ގއ. ވިލިނގިލީ ވައިޖެހޭގޭ ޔަޒުމީދު މުޙަންމަދާއި ގދ. ވާދޫ ސަދަންވިލާ ޞަފްވަތު މުޙަންމަދެވެ.
އެ ފަސް ބޭފުޅުނަށް ވެސް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ކޮމެޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުނެވެ. އެއިން ކޮންމެ ބޭފުޅަކަށް ވެސް އިންޓަވިއުގައި 75 އިންސައްތައަށް ވުރެ ގިނަ މާކްސް ލިބިވަޑައިންފައިވެ އެވެ. އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބިވަޑައިގެންފައި ވަނީ މިހާރުވެސް އެކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން ލުފުތީއަށެވެ. އޭނާއަށް 92 އިންސައްތަ މާކްސް ލިބިވަޑައިގެންނެވިއިރު އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި މުއައްވިޒަށް 90 އިންސައްތަ މާކްސް ލިބިވަޑައިގެންނެވި އެވެ. ދެންތިބި ތިން ބޭފުޅުންނަށް ވަނީ 85 އިންސައްތަ އަށް ވުރެ ގިނަ މާކްސް ލިބިވަޑައިގެންފައިވެ އެވެ.
މިހާރު ހިނގަމުންދާ އޭސީސީގެ މެމްބަރުންގެ ދައުރު ހަމަވާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.
އޭސީސީ އަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ އިތުރުން އެ ކޮމިޝަންގެ އަނެއް ތިން މެމްބަރުން ކަމަށްވާ މުޙަންމަދު ޝަފީޢު އާއި ޢަބްދުﷲ ޙިލްމީ އާއި ޚަދީޖާ ރަޝީދު ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް އެބޭފުޅުންގެ ނަންފުޅު ރައީސް މަޖިލީހަށް ފޮނުއްވާފައެއް ނުވެއެވެ.