23 Aug 2014, 12:08
ސްޕެނިޝް ލަލީގާގެ އެންމެ ފަހުގެ ޗެންޕިއަން އެތުލެޓިކޯ މެޑްރިޑުން މި ސީޒަނުގެ ލީގު ދިފާއު ކުރުމުގެ މާބޮޑު ވިސްނުމެއް ނެތް ކަމަށާއި މިސީޒަންގައި އެ ޓީމުގެ އަަމާޒަކީ ތިން ވަނަ ހޯދުންކަމުގައި އެތުލެޓިކޯގެ އާޖެންޓީނާ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފި އެވެ.
ސިމިއޯނީ ބުނެފައި ވަނީ އެތުލެޓިކޯގެ މި ޓީމަކީ ވާދަވެރި ރެއާލްމެޑްރިޑާއި ބާސެލޯނާއާ ވާދަކުރެވޭ ވަރުގެ ޓީމެއް ނޫން ކަމަށާއި އިތުރު ދޮގުތަކެއް ހަދަން ބޭނުން ނޫން ކަމަށެވެ. އަދި އޭނާގެ ޓީމުގައި ވާދަކުރެވޭ ފެންވަރު ނެތް ކަމަށް ވެސް ސިމިއޯނީ ބުންޏެވެ.
މި ސީޒަންގެ ޓްރާންސްފާ މާކެޓުގައި ރެއާލްއާއި ބާސާ ވަނީ ވަރަށް ހަރަކާތްތެރިވެ އިތުރަށް ޓީމު ވަރުގަދަކޮށްފަ އެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ ގެޒެޓާ ޑެލޯ ސްޕޯޓަށް ދިން އިންޓަވިއުއެއްގައި ސިމިއޯނީ ބުނެފައި ވަނީ މިފަހަރު އޭނާގެ ޓީމަކީ މުޅިން އާޓީމެއް ކަމަށާއި އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އަދި އެ ޓީމުގެ މި ފަަހަރުގެ ވާދަވެރިންނަކީ ސެވިއްޔާ އާއި ވެލެންސިޔާ އާއި އެތުލެޓިކް ބިލްބާއޯ ކަމަށާއި މަސަކަތް ކުރާނީ އެ ޓީމުތަކާ ވާދަކޮށް ތިން ވަނަ ހޯދުމަށް ކަމަށް އޭނާ ބުންޏެވެ.
"އަހަރަމެންނަކީ ޗެންޕިއަނުން އެކަމަކު އެ ކުޅުންތެރިން ނެތް މިއަދަކު ލީގުގައި. އަހަރެމެން ތަފާތު ބާސާ އާއި ރެއާލްއަށް ވުރެ،" ނިމިދިޔަ ސީޒަންގައި ލީގު ހޯދައިދިން ކޯޗު ބުންޏެވެ.
މިސީޒަންގައި އެތުލެޓިކޯ ދޫކޮށް ދިޔަ ކުޅުންތެރިންގެ ތެރޭގައި ޑިއެގޯ ކޯސްޓާ އާއި ފިލިޕޭ ލުއިސް އާއި ތިބޯޓް ކޯޓުއާ ހިމެނެ އެވެ. އެޓީމަށް ވަނީ މިކުޅުންތެރިންގެ ބަދަލުގައި މާރިޔޯ މަންޑްޒުކިޗާއި ގުލިމޭ ސިކުއޭރާ އާއި ޖާން އޮބްލަކް އަދި އެންޓޯނިޔޯ ގްރީންޒްމަން ގެނެސްފަ އެވެ.
ލީގުގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ އެތުލެޓިކޯ ނުކުންނާނީ ރަށުން ބޭރުގައި ރެއާލް ވޯލްކާނޯ އާދެކޮޅަށެވެ. އެތުލެޓިކޯ އިން މިދިޔަ ސީޒަންގައި ލީގުގެ ތަށި ކާމިޔާބުކޮށްފައި ވަނީ 18 އަހަރަށް ފަހުގަ އެވެ.