23 Aug 2014, 11:45
ސްޓޭޑިއަމާ ދިމާލު ބޭރު ފަޅުތެރޭ ފައްތިޔަލުގައި އަޅާފައި އޮތް ގަލްފް ކްރާފްޓް ލޯންޗެއް ވަގަށް ނަގައިގެން ރޭ ހޯދަމުން ދަނިކޮށް، މިއަދު ހެނދުނު އެ ލޯންޗް ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ލޯންޗު ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 7:30 އެހާކަންހާ އިރު ކަމަށާއި މިއަދު ހެނދުނުގެ ވަގުތެއްގައި އެ ލޯންޗް ފެނުނީ ހުޅުމާލޭގެ ސުނާމީ ޖެޓީ ސަރަހައްދު ފަޅުތެރޭގައި އޮއްވައި އާއްމުންގެ ބަޔަކަށް ކަމަށެވެ.
އެ މައްސާލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ދަ ހޯކްސް ކުންފުނީގެ ލޯންޗް ސެކްޝަންގެ އިސްވެރިއެއް ކަމުގައިވާ މުހައްމަދު އަޝްރަފް މިއަދު ވިދާޅުވީ އެ ލޯންޗް ވަގަށް ނަގާފައި ވަނީ ލޯންޗްގެ ފަޅުވެރިންނާއި ކެޕްޓަން ދަތުރެއް ނިންމާފައި އިއްޔެ އިރުއޮއްސުނު އައިސް ލޯންޗުން ފޭބި ފަހުން ކަމަށެެވެ. ނަމަވެސް ފައްތިޔަލުގައި އަޅާފައި އޮތް އެ ލޯންޗް ނައްޓައިލައިގެން ދަނިކޮށް އެ ލޯންޗްގެ ކްުރޫއަކަށް ފެނިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ އެ ކުންފުނީގެ އިތުރު ލޯންޗްތައް ވެސް އެސަރައްދުގައި އަޅާފައި ހުންނާނެ ކަމަށެވެ. ލޯންޗްގައި އިނީ ތަޅުދަނޑި ވެސް ޖަހާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ލޯންޗް ނައްޓައިލައިގެން ދަނިކޮށް ކްރޫއަކަށް ފެނިގެން ކެޕްޓަނަށް ގުޅީ އޭނާ ނުލާދާތީ. ކެޕްޓަން ބުނީ އޭނާއެއް ނޫނޭ. އެހާ ހިސާބުން ފުލުހުންނަށް ރިޕޯޓްކުރީ، ލޯންޗް ވަގަށް ނެގީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން ކަމަށް ބެލެވެނީ. ލަފާކުރެވޭ ގޮތުގައި ކޮންމެ ވެސް ޒަރީމާއެއް ހިންގަން ނުވަތަ ހިންގުމުގެ ކުރިން އެ ލޯންޗް ގެއްލިގެން ފުލުހުން ނަށް ރިޕޯޓްކުރިކަން އެނގިގެން ބާއްވާފައި އެ އޮތީ،" އޭނާ ބުންޏެވެ.
ގާތްގަނޑަކަށް ހަތަރު އަހަރުވެފައިވާ އެ ލޯންޗުގެ އަގަކީ 1.5 މިލިޔަން ރުފިޔާ ކަމަށާއި ލޯންޗް ގެއްލުނު އިރު ކޮންޑިޝަން ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާރު އެ ލޯންޗަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ނުވަ ނޫންތޯ ވެސް އެނގޭނީ އިތުރަށް ބެލުމުން ކަމަށް ވެސް ކުންފުނިން ބުންޏެވެ.