23 Aug 2014, 11:32
އިންޑިއާގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ އިންދިރާ ގާންދީ އަވަހާރަކޮށްލި ހާދިސާގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ރިލީޒްކުރުން އެގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.
"ކައުމް ދޭ ހީރޭ"ގެ ނަމުގައި އުފައްދާފައިވާ އެ ފިލްމު އާއްމުކުރުމުގެ ހުއްދަ އެގައުމުގެ ފިލްމް ކްލެސިފިކޭޝަން ބޯޑުން ނުދިނީ އެފިލްމުގައި އިންދިރާ ގާންދީގެ ގާތިލުން މާތް ބައެއްގެ ގޮތުގައި ދައްކާތީ ކަމަށް އެބޯޑްގެ ވެރިޔާ ލީލާ ސެމްސަންއާ ހަވާލާދީ ދަ ގާޑިއަން ނޫހުން ބުންޏެވެ. ލީލާ ވިދާޅުވެފައި ވަނީ އެ ފިލްމު އާއްމުކޮށްފި ނަމަ ހަމަނުޖެހުން އުފެދި އަމާންކަން ގެއްލޭނެ ކަމަށް ފެނިވަޑައިގަންނަވާތީ ފިލްމު ރިލީޒްކުރުން މަނާކުރެއްވީ ކަމަށެވެ.
މަނާކުރި ފިލްމުގައި ދައްކަނީ އިންޑިއާގެ ޕަންޖާބުގައި ސިކުންގެ ވަކި ދައުލަތެއް ގާއިމްކުރަން ސިކުން ހިންގި ހަމަނުޖެހުމާއި އެކަން ހުއްޓުވަން އިންޑިއާ ސިފައިން ގޯލްޑަން ޓެމްޕަލް އަށް ދިން ހަމަލާތައް ކަމަށް ނޫހުގައިވެ އެވެ.
އިންދިރާ ގާންދީ އަވަހާރަކޮށްލީ، ސިކު ހަނގުރާމަވެރިން ހާލި ހަދައިގެން ތިބި ގޯލްޑަން ޓެމްޕަލް އަށް ހަމަލާ ދިނުމަށް ސިފައިންނަށް އަމުރުކުރެއްވުމާ ގުޅިގެން އައި ރުޅީގައި އެކަމަނާގެ ބޮޑީގާޑުންގެ ގޮތުގައި ތިބި ސިކުންގެ ދެމީހުން ބަޑިން ދިން ހަމަލާއެއްގަ އެވެ.
'
އިންދިރާ ގާންދީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 2000 އަށް ވުރެ ގިނަ ސިކުން މަރުވި އެވެ.