19:00


ޕާޓީތަކުގެ މެދުގައި ހަމަނުޖެހުން ހިނގާނަމަ ޑިމޮކުރަސީގެ ޅަފަތުގައި އިތުބާރު އަށަގެންނެވުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ޔޫރަޕިއަން ޔޫނިއަނުން ދީފި ކަމަށް އެމްޑީޕީން ބުނެފި އެވެ.


އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެޕާޓީގެ އިސް ވެރިންނާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ބޭފުޅުންނާ އިއްޔެ އެ ޕާޓީގެ ސެކްރެޓޭރިއެޓްގައި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އިންތިގާލީ މަރުހަލާއެއްގައި ސިޔާސީ ޕާޓީތަކުގެ މެދުގައި ހަމަނުޖެހުން ހިނގާނަމަ ޑިމޮކުރަސީގެ ޅަފަތުގައި އިތުބާރު އަށަގެންނެވުމުގައި ހުރަސްތަކެއް ކުރިމަތިވާނެ ކަމުގައި އީޔޫގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ފާހަގަކުރައްވާފައިވާ ކަމަށް އެ ނޫސް ބަޔާނުގައިވެ އެވެ. އަދި އިންތިގާލީ މަރުހަލާއެއް ކާމިޔާބުކަމާއެކު ނިންމާލުމަކީ އުދަނގޫ ކަމެއް ކަމަށާއި އެފަދަ މަރުހަލާއެއް ކެއްތެރިކަމާއެކު ނިންމަވާލެއްވުން އެއީ މުޅި އޭޝިއާއަށް ރީތި ނަމެއް ލިބިގެންދާނެ ކަމެއް ކަމަށް އީޔޫގެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.


އެ ބައްދަލުވުމުގައި ޕާޓީގެ ޗެއާޕާސަން މަރިޔާ އަހުމަދު ދީދީ ވިދާޅުވީ އާ ގާނޫނު އަސާސީގައި ބަރުލަމާނީ ސިފަތަކެއް ޖެހިފައިވާ ކަމަށާއި އެ އެކަމުގެ ނާޖާއިޒް ފައިދާ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގައި ނަގަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑެތި ފިއްތުން ތަކެއް އެ ޕާޓިއަށް ކުރިމަތިވަމުންދާ ކަމަށްވެސް މާރިޔާ ވިދާޅުވި ކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.