23 Aug 2014, 10:24
ބަރުމާގެ ބުޑިސްޓުން އެގައުމުގެ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކުން ސަލާމަތް ވުމަށް މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 20،000 މީހުން އިންޑިއާ ކަނޑަށް ނުކުތް ކަމަށް ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން ބުނެފިއެވެ.
ޔޫއެން ރެފިއުޖީ އެޖެންސީން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ސަލާމަތް ކަން ހޯދުމަށް ބަރުމާ ދޫކޮށް ދިޔަ އެމީހުންގެ ތެރެއިން 7000 މީހުން އެކި ގައުމުތަކުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އޮސްޓްރޭލިއާ އާއި އެގައުމުން ޕަޕުއާ ނިއުގިނީއާއި ނައުރޫ ޖަޒީރާ ތަކުގައިވާ އޮސްޓްރޭލިއާގެ މަރުކަރުތަކުގައި 5000 މީހުން ބަންދުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
މި އަހަރުގެ މިހާތަނަށް ދަތުރުކުރި މީހުންގެ ތެރޭގައި އެތައް ހާސް ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި އިންސާނުންގެ ވަގު ވިޔަފާރި ކުރާ މީހުންގެ ޝިކާރައަކަށް އޭގެ ތެރެއިން ބައެއް އަންހެނުންނާއި ކުޑަކުދިން ވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ބަރުމާގެ ރާޚިން ސްޓޭޓާއި އެ ސްޓޭޓާ އިން ވެގެން އޮންނަ ބަންގުލަދޭޝްގެ ސަރަހައްދުގައި ބުޑިސްޓުންގެ އަނިޔާއާ ކުރިމަތިވެފައިވާ މުސްލިމުންގެ ތެރެއިން 87000 މީހުން މިދިޔަ އެއް އަހަރު ދުވަސް ތެރޭގައި ކަނޑު ދަތުރަށް ނުކުތެވެ. ދަތުރު ކުރި އުޅަނދު ފަހަރު އަޑިއަށް ދިއުމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން އޭގެ ތެރެއިން އެތައް ބަޔަކު ވަނީ މަރުވެ، ގޮސްފަ އެވެ.