23 Aug 2014, 09:49
ބަޣްދާދު (އޮގަސްޓް 23) : އިރާގުގެ ދިޔާލީ ގަވަރނޭޓްގެ މިސްކިތެއްގައި ގަތްލުއާންމެއް ހިންގައި 70 އަށްވުރެ ގިނަ މީހުން މަރާލައިފި އެވެ.
މިގަތްލުއާންމަކީ އެމެރިކާ ސިފައިން އިރާގަށް އަރައިގަތުމާ ގުޅިގެން އިރާގުގައި ހިނގަމުންދާ ތާއިފީ އަދި މަޛްހަބީ ތަޅާފޮޅުންތަކާއި ބަދަލު ހިފުމުގެ ޖަރީމާތަކާ ޓެރަރިޒަމްގެ އަމަލުތަކުގެ ސިލްސިލާގައި ހިމެނޭ ބޮޑު ޖަރީމާއެއް ކަމަށް މުރާސިލުން ބުނެ އެވެ. އިރާގުގެ ސަރުކާރާއި އިދިކޮޅު ލީޑަރުން ވެސް ވަނީ މިޖަރީމާ ކުށްވެރިކޮށް ބަޔާންތައް ނެރެފަ އެވެ.
އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އިރާގުގެ ޕާލަމެންޓްގެ ރައީސް ސަލީމުލްޖައްބޫރީ ވިދާޅުވީ އިރާގަށް ހަމަޖެހުން ގެނައުމަށްޓަކައި ސަރުކާރުން ހަނގުރާމަ ކުރަންވީ ހަމައެކަނި އައިއެސް ޖަމާއަތާ ނޫންކަމަށާއި އައިއެސް ފަދަ ޓެރަރިސްޓް އެތައް ޖަމާއަތްތަކެއް އިރާގުގައި ހަރަކާތްތެރިވަމުންދާ ކަމުގަ އެވެ. އިރާގުގެ ހަތިޔާރުއެޅި ޖަމާއަތަކުން ދިޔާލީ ގަވަރނޭޓްގެ މިސްކިތެއްގައި ނަމާދުކުރަން ތިބި ބަޔަކަށް ބަޑިން ޙަމަލާދީ މަރާލި މީހުންގެ އަދަދު 70 އަށް އަރާފައިވާ އިރު މިގަތްލުއާންމުގައި 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ. އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއައްބާދީ ވަނީ މިޖަރީމާ ކުށްވެރި ކުރައްވައި މިޖާރީމާ ހިންގި ބަޔަކު އިންސާފު ކުރިމައްޗަށް ޙާޒިރު ކުރާނެ ކަން ހާމަކޮށް ބަޔާނެއް ނެރުއްވާފަ އެވެ. ނަމަވެސް އިރާގުގެ ހާލަތުވަނީ މިފަދަ ޖަރީމާތަކުގެ ފަހަތުގައިވާ ފަރާތްތައް ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށާއި އެއަށް ވުރެ ސަރުކާރު ބަލިކަށިވެ ހަތިޔާރުއެޅި މިލީޝިޔާތަކުގެ ބާރު އިރާގުގައި ގަދަ ކަމަށް މުރާސިލުން ބުނެ އެވެ.
އިރާގުގައި ހިނގަމުންދާ ތާއިފީ އަދި މަޛްހަބީ ތަޅާފޮޅުންތަކުގައި މިސްކިތްތަކަށް ހަމަލާތައް ދީ ނަމާދުކުރަންތިބޭ މީހުން މެރުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިސްކިތްތަކުގެ ކައިރީގައި ބޮންތައް ގޮއްވައިގެން މީހުން މެރުން ވެސް އިރާގުގައި ވަނީ އާންމު ކަމަކަށް ވެފަ އެވެ. (އަލްޖަޒީރާ)