ޏ. ފުވައްމުލަކު އެއާޕޯޓް ހެދުމުގެ ސަބަބުން އެސްޓީއޯ އަށް ދޭން ޖެހޭ ދެ ރަށުގެ ތެރެއިން އެއް ރަށް ލިބިފައިނުވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

ސަން އަށް ލިބުނު މައުލޫމަތަކާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމަށް ދެންނެވި ސުވާލެއްގެ ޖަވާބުގައި އާޒިމް ވިދާޅުވީ އެސްޓީއޯގެ އާ މެނޭޖްމަންޓުން އެސްޓީއޯ ހިންގުމާ ހަވާލުވި އިރު ފުވައްމުލަކު އެއާޕޯޓް ހެދުމުން އެ ކުންފުންޏަށް ދޭން ޖެހޭ ދެ ރަށުގެ ތެރެއިން އެއް ރަށް ލިބިފައިނުވާ ކަމެވެ.

"އަޅުގަނޑުމެން އެރަށް ހޯދަން ތަފާތު މަސައްކަތްތައް ދަނީ ކުރެވެމުން. އެރަށް ނުލިބޭތީ އަޅުގަނޑުމެންނަށް ދަތިތަކާ ކުރިމަތިވޭ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ ރަށުގެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީ އަށް ގުޅިމުން ދިން ޖަވާބަކީ ލިޔެކިޔުން ދައްކާ ގޮތުން އެސްޓީއޯ އަށް ދެ ރަށް ދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލާގައި ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމަށް ފަހު އެ މިނިސްޓްރީ އިން ކުރަމުން އައި ބައެއް މަސައްކަތްތައް ކުރަނީ ޓޫރިޒަމް މިނިސްޓްރީ އިންނެވެ.

އެސްޓީއޯ އަށް މިހާރު ލިބިފައިވާ ރަށަކީ ހަތަރު ހެކްޓަރުގެ ކުޑަރަށެކެވެ. ބޮޑުރަށް ވަނީ ނުލިބި ކަމަށް އާޒިމް ވިދާޅުވި އެވެ.


އެސްޓީއޯ އަށް އެ ދެ ރަށް ދީފައި ވަނީ ފުވައްމުލަކު އެއާޕޯޓް ހިންގަިއގެންވާ ގެއްލުން ފޫބެއްދުމުގެ ގޮތުންނެވެ.

ފުވައްމުލަކު އެއާޕޯޓް ހެދުމަށް 170 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު އެ އެއާޕޯޓް އޮޕަރޭޓް ކުރުމަށް މިހާރު އަހަރެއްގެ މައްޗަށް އެއް މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.