23 Aug 2014, 09:43
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގައި ހިނގި ތަފާތު ތިން ހާދިސާއެއްގައި ފުލުހުންގެ އެހީތެރިކަމާއެކު ހާލުގައި ޖެހުނު މީހުންނާއި އުޅަނދު ސަލާމަތް ކޮށްފިއެވެ.
ފުލުހުން ބުނީ ފުރަތަމަ ހާދިސާގައި މ. މުލަކު ބޭރުން އޮޔާދިޔަ ޑިންގީއެއް ފުލުހުންގެ މަސައްކަތުން ސަލާމަތްކޮށް މ. މުލަކަށް ގެނެސްފަވާ ކަމަށެވެ. އެ ޑިންގީގެ އިންޖީނު ހަލަކުވެފައި ވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 8:30 ހާއިރު ކަމަށާއި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް ރޭ 8:50 ހާއިރު އެތަނަށް ދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދެވަނަ ހާދިސާއެއްގެ ގޮތުން ރޭގެ 7:45 ބޮއްކުރައެއްގައި މަސް ބާނަން ނުކުމެ އުޅުނު ދެމީހަކު ހާލުގައި ޖެހިގެންއުޅޭ މައުލޫމާތު ގއ. ދާންދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާއެކު އެތަނުގައި މަސައްކަތްކުރާ ފުލުހުން ދާންދޫ ކައުންސިލާ ގުޅިގެން ލޯންޗެއް ގައި އެ ބޮއްކުރާ އޮތް ސަރަހައްދަށް ގޮސް ބޮއްކުރާގައި ތިބި މީހުންނާއި ބޮއްކުރާ ދާންދޫއަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން މާލެއިން ފުރައިގެން ބ.ތުޅާދޫއަށް ދިޔަ ދޯންޏެއްގެ އިންޖީނު ޒިޔާރަތްފުށި ރިސޯޓާ ހަމައިން ހުއްޓި ދިޔަވަމުން ދިއުމުގެ ސަބަބުން އެމައްސަލަ 11:29 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މެރިން ޕޮލިސް އަދި ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ދޯނީގައި ތިބި މީހުންނާއި މުދަލާއި ދޯނި ސަލާމަތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ ވިއްސާރަކުރަމުންދާ ދުވަސް ވަރަކަށްވާތީ ކަނޑު ދަތުރު ފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކަކުންވެސް ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.