23 Aug 2014, 09:31
އިސްރާއީލުގެ ސްޑޮޓް ނަގޭވް ނަމަކަށް ކިޔާ ރަށުގެ މަގެއްގައި އޮތް ދެކާރަކަށް އެރި މޯޓަރްބަޑީގެ ހަމަލާއެއްގައި އުމުރުން ހަތަރު އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.
އިސްރާއީލު ސިފައިންނާ ހަވާލާދީ ފަލަސްތީނުގެ މައާން ނިއުސް އެޖެންސީން ބުނީ ކުޑަ ކުއްޖާ މަރުވީ ޣައްޒާ އިން ދިން ރޮކެޓް ހަމަލާތަކެއް އިސްރާއީލުގެ އެކި ރަށްތަކަށް އަރަމުން ދަނިކޮށް ކަމަށެވެ.
އަދި ބުނީ ޣައްޒާ އިން ފޮނުވައިލި 80 ރޮކެޓް އިސްރާއީލްގެ އެކި ރަށްތަކަށް ހުކުރު ދުވަހު އެރި ކަމަށެވެ. އޭގެ ތެރެއިން އެއް ހަމަލާ ބީރްޝޭބާ ނަމަކަށް ކިޔާ އަވަށަށް އެރުމުގެ ސަބަބުން އިސްރާއީލްގެ ދެމީހަކު ޒަހަމްވި ކަމަށް ވެސް ބުންޏެވެ.
މިދިޔަ ޖުލައި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 2090 މީހުން ޝަހީދުވި އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އާއްމު ރައްޔިތުންނެވެ. އަދި 400 އަށް ވުރެ ގިނަ ކުޑަކުދިން އޭގެ ތެރޭގައި ހިމެނޭ އިރު އުމުރުން އެންމެ ހަމަހުގެ ކުދިން ވެސް އެކުދިންގެ ތެރޭގައިވެ އެވެ.