23 Aug 2014, 09:18
ޓެލްއަވީވް (އޮގަސްޓް 23) : އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ މުޖާހިދުން އިއްޔެދިން ރޮކެޓް ޙަމަލާތަކެއް އިސްރާއީލުގެ އަވަށެއްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް އަަރައި ޔަހޫދީ ކުޑަކުއްޖަކު މަރުވެ އިތުރު ޙަމަލާއެއް ޔަހޫދީންގެ ފައްޅިއަކަށް އަރައި އެފައްޅި ހަލާކުވުމުން އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތިނިޔާހޫ ރުޅި ގަދަވެ މުޖާހިދުންނަށް ހަރުކަށި އިންޒާރެއް ދީފި އެވެ.
ނަތަނިޔާހޫގެ ތަރްޖަމާން އޮވީރު ޖެންޓްލްމަން ވިދާޅުވީ ފަލަސްތީނުގެ ރޮކެޓް ޙަމަލާއެއްގައި އިސްރާއީލުގެ ތުއްތު ކުއްޖަކު މަރުވުމާ ގުޅިގެން ޣައްޒާ އަށް ދޭ ހަމަލާތައް ވަރުގަދަ ކުރުމަށް ނަތަނިޔާހޫގެ ބާރުތަކަށް އޭނާ އަމުރު ކުރައްވާފައިވާ ކަމުގަ އެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުން އިއްޔެ އިސްރާއީލުގެ ކަންކޮޅުތަކަށް ދިން ރޮކެޓް ހަމަލާތައް އާދަޔާ ޚިލާފަށް އިތުރުވުމުގެ އިތުރުން މިޙަމަލާތަކުގައި އިސްރާއީލަށް ލިބުނު ގެއްލުންތައް ވަރަށް ބޮޑުކަމަށް އިސްރާއީލުގެ މީޑިޔާ އިން ވެސް ވަނީ ބުނެފަ އެވެ. އިސްރާއީލުގެ ނޫހެއް ކަމަށްވާ ޔަދިއޯތު އަހްރަނޯތު ބުނީ އިސްރާއީލުން ޙަމާސްގެ ތިން މަސްއޫލުވެރިއަކު ޝަހީދުކޮށްލުމާ ގުޅިގެން ހަމާސުން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތައް ގިނަވެފައި އެރޮކެޓްތަކުގެ ބާރު ވެސް ގަދަކަމަށާއި އިސްރާއީލުގެ އާންމުން ދިރިއުޅޭ އެތައް ސަރަހައްދަކަށް ރޮކެޓް ޙަމަލާތައް އަރާފައިވާ ކަމުގަ އެވެ.
ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުން އިއްޔެ އިސްރާއީލަށް 168 ރޮކެޓް ހަމަލާ ދީފައިވާ އިރު މީގެ ތެރެއިން ޙަމަލާއެއްގައި ޣައްޒާގެ ކައިރީގައިވާ އިސްރާއީލުގެ ވިލެޖެއްގެ ޔަހޫދީ ކުޑަކުއްޖަކު މަރުވެފައިވާކަން ޔަދިއޯތުއަހްރަނޯތު ނޫހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ފަލަސްތީނުގެ މިހަމަލާތަކާ ގުޅިގެން ޣައްޒާގެ ކައިރީގައިވާ ޔަހޫދީ އަވަށްތަކުގެ މީހުން އެއަވަށްތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖްރަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މިނޫސް ބުނެ އެވެ. އިސްރާއީލު އެންމެ ބިރުގަންނަ ކަމަކީ އިސްރާއީލަށް ހިޖްރަކޮށްގެން އުޅޭ ބޭރު ގައުމުތަކުގެ ޔަހޫދީން އިސްރާއީލުގައި އަމަން އަމާންކަން ނެތުމުގެ އިހްސާސް ކުރެވިގެން އިސްރާއީލު ދޫކޮށް އެމީހުންގެ އަމިއްލަ ގައުމުތަކަށް އެނބުރިދާން ފަށާފާނެތީ އެވެ. މިހެންވެއްޖެ ނަމަ އިސްރާއީލަށް ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ ފުރްސަތު މުޅިން ގެއްލިގެންދާނެ ކަމުގެ ބިރު އިސްރާއީލުން އިހްސާސް ކުރެ އެވެ. ފަލަސްތީނު މުޖާހިދުންގެ ސްޓްރެޓެޖީއަކީ މި އެވެ.
ފަލަސްތީނުގެ މުޖާހިދުންގެ އިއްޔެ އިސްރާއީލަށް ދިން އެހެން ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ ފަސް މީހުން ޒަޚަމްވެ އޭގެތެރެއިން އެކެއްގެ ހާލު ވަރަށް ސީރިޔަސް ކަމަށް އިސްރާއީލުގެ ޢަސްކަރީ ރޭޑިޔޯއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަނެއްކޮޅުން ހަމާސްއިން އިސްރާއީލުގެ އެންމެ ބޮޑު އެއަރޕޯޓް ކަމަށްވާ ޓެލްއަވީވް އިންޓަނޭޝަނަލް އެއަރޕޯޓަށް އިއްޔެ ދިން ރޮކެޓް ޙަމަލާތަކުގެ ތެރެއިން އެތައް ރޮކެޓެއް އެއަރޕޯޓާ ވަރަށް ގާތަށް ވެއްޓިފައިވާތީ ހަތަރު ގައުމެއްގެ އެއަރލައިން ތަކުންވަނީ އިސްރާއީލަށް ކުރާ ވައިގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފަ އެވެ. އިސްރާއީލުން އިއްޔެ ޣައްޒާ އަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ފަސް މީހުން ޝަހީދުކޮށްލައި 10މީހުން ގިނަމީހުން ޒަޚަމްކޮށްލާފައިވާ އިރު ޝަހީދުވި މީހުންނަކީ މުޅިން ވެސް އާންމުންކަމަށް ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެ އެވެ. އިސްރާއީލުގެ ވައިގެ ޙަމަލާތައް އިއްޔެ އަމާޒުކުރީ ޣައްޒާގެ މެދުތެރޭގައި ހުންނަ ރެފިއުޖީ އަވަށެއް ކަމަށްވާ އައްނުސައިރާތު ރެފިއުޖީ އަވަށުގެ ގެތަކަށް ކަަމަށް ފަލަސްތީނުގެ ސިއްޙަތާބެހޭ ދާއިރާތަކުން ބުނެ އެވެ. (އަލްޖަޒީރާ)