23 Aug 2014, 01:33
ދިރާގު ދިވެހި ލީގުގެ ރެލިގޭޝަނުން ސަލާމަތްވުމަށް ބީޖީ ސްޕޯޓްސް ކްލަބުން ކުރަމުންދާ މަސައްކަތަށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ހުރަސް އަޅައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ރެލިގޭޝަނުގެ ބިރާ ކުރިމަތިލަމުން އަންނަ ބީޖީ އަތުން ވިކްޓަރީ މޮޅުވީ 3-1 ލަނޑުންނެވެ. މެޗަށް ނުކުތް އިރު، ބީޖީގެ ޑިފެންސަށް ގިނަ ބަދަލުތަކެއް ފާހަގަވެގެން ދިޔަ އިރު، އެ ޑިފެންސް ލައިނުގެ ފަރާތުން ގިނަ ކުށްތަކެއް ފެނިގެންދިޔަ އެވެ.
މެޗު ފަށައިގެން ނިމެންދެން މޮޅަށް ކުޅެމުންދިޔައީ މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދި ވިކްޓަރީއިންނެވެ. ވިކްޓަރީއިން ބީޖީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އިރު، ބީޖީއިން މަސައްކަތް ކުރަމުންދިޔައީ ކައުންޓާ އެޓޭކްތަކުތަކުގެ އެހީގައި ވިކްޓަރީގެ ގޯލަށް ނުރައްކާ ކުރުމަށެވެ.
ވިއްސާރައިގައި ކުޅެމުންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ވިކްޓަރީއިންނެވެ. މެޗުގެ 17 ވަނަ މިނެޓްގައި ވިކްޓަރީއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ހުސައިން ޝިމާޒް (ކޮކީ) އެވެ. ކޮކީ އެ ލަނޑު ކާމިޔާބުކުރީ އަވީލޯ ދިން ނަގައިދިން ހުރަހަކުން އޭނާގެ ބޮލުން ޖަހަ އެވެ.
ވިކްޓަރީ އިން ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 31 ވަނަ މިނެޓްގައި އެ ޓީމުގެ މިޑްފީލްޑަރު އިސްމާއިލް މުހައްމަދު (އިއްސެ) އެވެ. ވިކްޓަރީއިން ކާމިޔާބުކުރި މި ލަނޑަކީ ވެސް ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑެކެވެ. އިއްސެ އެ ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ވިކްޓާ ބްރަނިމިރޯވް މަޓީވް އެވެ.
މެޗުގެ 74 ވަނަ މިނެޓްގައި ބީޖީއަށް ކުޑަ އުންމީދެއް އާކޮށްދިނީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އާދަމް ފަޒީހު (ފަދިއްކޮ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވިއްސާރައިގެ ސަބަބުން ވިކްޓަރީގެ ޑިފެންޑަރު އަލީ ޝަރީފު ކަހާލުމުން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ.
މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ވިކްޓަރީއަށް ކާމިޔާބުކުރި ތިންވަނަ ލަނޑަކީ ވެސް އެ ޓީމުގެ ފުރަތަމަ ލަނޑާއި ދެވަނަ ލަނޑު ގޮތަށް ބޮލުން ޖެހި ލަނޑެކެވެ. ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ ހާންސް އޭވީ އަވީލޯގެ ހުރަހަކުން ވިކްޓަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ ފަހު ކޮޅުގައި ކުޅެން ނުކުތް އިބްރާހިމް ޝަފްރާޒެވެ.
ދިރާގު ދިވެހި ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، 11 މެޗުން ލިބުނު 30 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު ދިހަ މެޗުން ލިބުނު 25 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި މާޒިޔާ އޮތް އިރު، ދިހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ އީގަލްސެވެ. ކުޅުނު 11 މެޗުން ލިބުނު 14 ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، ފަސް ވަނައިގައި އޮތް މަހިބަދޫއަށް 11 މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް 11 މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. ކުޅުނު 11 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައި އޭވައިއެލް އޮތް އިރު، އެންމެ ފުލުގައި އޮތް ބީޖީއަށް 11 މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. އޭވައެއެލް އާއި ބީޖީއަށް ވަނީ އަމިއްލަ ބާރު ގެއްލި، ރެލިގޭޝަނުގެ ބިރާ ކުރިމަތިލާން ޖެހިފަ އެވެ.
ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދުވަހު ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، ހަވީރު 4:00 ގައި ކުޅޭ މެޗުގައި ކްލަބު ވެލެންސިއާ އާ ދެކޮޅަށް ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. އަދި އަންގާރަ ދުވަހުގެ ރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.