23 Aug 2014, 00:58
އިސްރާއީލުން ފަލަސްޠީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓާ ގުޅިގެން ރާއްޖޭގެ ގައުމީ ޓީމުގެ އެންމެ މުހިންމު ހަތަރު ކުޅުންތެރިންގެ ތަކެތި މާދަމާ ނީލަން ކިޔާ ގޮތަށް ނިންމައިފި އެވެ.
ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އިސްނެގީ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި، ގޯލްކީޕަރު އިމްރާން މުހައްމަދާއި، މިޑްފީލްޑަރު މުހައްމަދު އުމައިރު އަދި އަކްރަމް އަބްދުލްޣަނީ އެވެ. އެގޮތުން މާދަމާ ދަގަނޑޭގެ ބޫޓަކާއި، އިމްރާނުގެ އަންގިއަކާއި، އުމައިރު އަދި އަކްރަމްގެ ޖާޒީއެއް ނީލަން ކިޔާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް، ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމައިރު އޭނާގެ ޖާޒީ ނީލަން ކިޔަން ދިވެހި ރެޑް ކްރެސެންޓާ ހަވާލުކުރަނީ -- ފޮޓޯ: ދިވެހި ރެޑްކްރެސެންޓް
ދިވެހި ރެޑް ކްރެސެންޓް އިން މައުލޫމާތު ދޭ ގޮތުގައި، ނީލަން ކުރިއަށް ދާނީ 23 އޮގަސްޓް 2014 ވާ ހޮނިހިރު ދުވަހުގެ މެންދުރު 1:00 އިން 24 އޮގަސްޓް ވާ އާދީއްތަ ދުވަހުގެ މެންދުރު 11:00 އަށް ކަމަށެވެ. އަދި އެ ހުރިހާ އެއްޗެއްގެ ވެސް ނީލަން ފެށޭ އަގަކީ 3000 ރުފިޔާ އަށް ކަމަށާއި ފަހަރަކު މަދުވެގެން އިތުރު ކުރެވޭނީ 500 ރުފިޔާ ކަމަށް ވެސް ރެޑް ކްރެސެންޓުން މައުލޫމާތު ދެއެވެ.
ރެޑް ކްރެސެންޓުން ބުނީ، ފޯނުން ގުޅައިގެން އަދި އެސްއެމްއެސް އިން ނީލަން ކިޔާ ގޮތަށް އޮތް ނަމަވެސް، ނީލަން ބަލައިގަންނާނީ ނީލަން ކިޔާ ފަރާތުގެ ނަމާއި އައިޑީ ކާޑު ނަމްބަރު އަދި މޯބައިލް ނަމްބަރު އެނގޭގޮތަށް ނީލަން ކިޔުމުން ކަމަށެވެ. އަދި ނީލަން ކިޔުމަށް 7923396 އަށް ގުޅުމަށް ނުވަތަ އެސްއެމްއެސް ކުރުމަށް އެ ރެޑް ކްރެސެންޓުން އެދެ އެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް، ގައުމީ ޓީމުގެ ޑިފެންޑަރު އަކްރަމް އަބްދުލްޣަނީ އޭނާގެ ޖާޒީ ނީލަން ކިޔަން ދިވެހި ރެޑް ކްރެސެންޓާ ހަވާލުކުރަނީ -- ފޮޓޯ: ދިވެހި ރެޑްކްރެސެންޓް
އަންނަ އާދީއްތަ ދުވަހުގެ މެންދުރު 11:00 ގައި ނީލަން ކިޔުމުގެ ފުރުސަތު ބަންދުވާ އިރު، އެ ވަގުތު އެންމެ މަތީ ބިޑަށް ނީލަން ކާމިޔާބުވެ އެވެ. ނަމަވެސް ނީލަމުގައި އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަށް ފައިސާ ދައްކަން ނުކުޅެދިއްޖެ ހާލަތެއްގައި ދެވަނައަށް އެންމެ ބޮޑު އަގު ހުށަހެޅި ފަރާތަށް އެ އެއްޗެއް ވިއްކާލާނެ ކަމަށް ރެޑް ކްރެސެންޓުން ބުނެ އެވެ.
ނީލަން ކާމިޔާބުކުރާ ފަރާތުން 25 އޯގަސްޓް 2014 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފައިސާ ދައްކަން ޖެހޭ އިރު، ނީލަމުން ލިބޭ ފައިސާއަކީ ދިވެހި ރެޑް ކްރެސެންޓުން ގާއިމްކޮށްފައިވާ ޕަލެސްޓައިން ރިލީފް ފަނޑަށް ހަދިޔާކުރެވޭ ފައިސާ އެވެ.