އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި އައްޑު އަތޮޅު މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އުމުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް އެކި ދުވަސްވަރު ޖިންސީ ގޯނާކޮށް، ރޭޕް ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު އައްޑު އަތޮޅު މީދޫއިން މިރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވެސް ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ މައްސަލާގެ ތަހުގީގަށް ހުރަސް އެޅިދާނެތީ އިތުރު މައުލޫމާތެއް މީޑިއާ އަށް ދޭން އުޒުރުވެރިވާ ކަމަށް ބުނެ، އެ މައްސަލާގެ ތަފްސީލެއް ފުލުހުން ނުދިނެވެ.

ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 18 އަހަރުން ދަށުގެ އެ އަންހެން ކުއްޖާއަށް އެކި ދުވަސްވަރު ޖިންސީ ގޯނާކޮށް، ރޭޕް ކުރި މައްސަލާގައި ޝާމިލް ވަނީ މީދޫ ޒުވާން ކުދިންތަކެކެވެ.

އެ އަންހެން ކުއްޖާގެ އާއިލާއިން އެ މައްސަލަ މިއަދު މެންދުރުފަހުގެ ފުލުހުންނަށް ހުށަހެޅުމުން، އެ މައްސަލާގައި ޝާމިލްވާ ބައެއް މީހުންވަނީ އެ ރަށުން ފިލާފަ އެވެ. އަދި އެ މީހުން ހޯދުމަށްޓަކައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް އެ ރަށުގައި ފަށާފައިވާ ކަމަށް މީދޫއިން ސަންއަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.