ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ އިސް ލީޑަރުންގެ މައުލޫމާތު އިސްރާއީލަށް ޖާސޫސް ކޮށްދިން ކަމަށް ބެލެވޭ 18 މީހަކު ހަމާސް އިން މަރާލައިފި އެވެ.

ހަމާސްގެ ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގައި ބުނެފައިވަނީ، ޣައްޒާގެ ކޯޓަކުން ކުރިން ހުކުމަކާ ގުޅިގެން މިއަދު 11 މީހުން މަރާލާފައި ވަނީ، ޣައްޒާ ސިޓީގެ ފުލުހުންގެ މައި އިދާރާގައި ކަމަށެވެ.

އިސްރާއީލަށް ޖާސޫސުކޮށްދިން 11 މީހުން މަރާލާފައިވާ ކަމަށް ހަމާސްއާ ގުޅުންހުރި އަލް ރައި އަދި އަލް މަޖްދު ވެބްސައިޓުގައި ވެސް ރިޕޯޓްކޮށްފައިވެ އެވެ.

އިސްރާއީލަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދިން ބަޔަކު ހަމާސް އިން މިއަދު މަރާލާފައިވާއިރު، އިސްރާއީލުން އިއްޔެ ވަނީ ޣައްޒާއަށް ބޮން އަޅައި، ހަމާސް ޖަމާއަތުގެ އިސް ތިން ލީޑަރަކު ޝަހީދުކޮށްލައިފަ އެވެ. އަދި އެ ހަމަލާގެ ފަހުން ހަމާސް އިން ވަނީ އެ ޖަމާއަތުގެ ލީޑަރުންނަށް އަމާޒުކޮށްދޭ ހަމަލާތަކުގެ ރައްދުދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް އިސްރާއީލަށް ދީފައެވެ.

ހަމާސްގެ މީޑިއާއިން ބުނެފައިވަނީ، މިއަދުގެ މެންދުރުގެ ވަގުތެއްގައި ހަތިޔާރުއެޅި މޫނު ނިވާކޮށްގެން ތިބި ބަޔަކު ޣައްޒާގެ އަލް އޮމާރީ މިސްކިތް ކައިރީގައި، އިސްރާއީލަށް ޖާސޫސުކޮށްދޭ ކަމަށް ތުހުމަތު ކުރެވޭ ހަތް މީހަކު ވެސް ބަޑިޖަހާ މަރާލާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އިސްރާއީލުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމާބެހޭގޮތުން އިސްރާއީލާއި ހަމާސްއާ ދެމެދުގައި ކުރިޔަށްދިޔަ ވާހަކަތައް ކޮޅެއްގައި ނުޖެހި، މިދިޔަ ބުދަ ދުވަހު އަލުން ހަމަލާތައް ފަށާފައިވާއިރު، މިއަދުވެސް އިސްރާއީލުން ވަނީ ޣައްޒާއަށް ވައިގެ މަގުން 20 ހަމަލާއެއްދީ ދެ މީހަކު ޝަހީދުކޮށްލާފަ އެވެ.