22 Aug 2014, 23:51
ޕީޕީއެމްގެ އާންމު ގޮފިތަކަށް ފައިސާ ދޫކުރާ ލިޔުން 16 ގޮތްޕަކާ ހަވާލުކޮށްފި އެވެ.
ޝީ ބިލްޑިންގްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕާޓީގެ ގޮފިތަކަށް ލިޔުން ހަވާލުކޮށްދެއްވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.
ފައިސާ ދޫކުރާ ލިޔުން މިރޭ ހަވާލުކުރި 16 ގޮތްޕަކީ މާލޭ ސިޓީން އުފައްދާފައިވާ ގޮފިތަކެވެ. އަދި ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ ގޮފިތަކަށް ވެސް ފައިސާ ދޫކުރާ ލިޔުން ހަވާލުކުރާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ޕީޕީއެމުން ބުނީ މާލޭ ސިޓީއާއި އަތޮޅުތައް ހިމެނޭގޮތަށް އެ ޕާޓީގެ 193 ގޮފި މިހާތަނަށް ހަދާފައިވާ ކަމަށެވެ.
ބައެއް ގޮފިތަކަށް ފައިސާ ހަވާލު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިރޭ ހަވާލުކުރެވިގެން ދިޔައީ ގޮފިތަކަށް ލިބޭނެ ފައިސާގެ އަދަދު އެނގޭނެ ލިޔުމެއް ކަމަށާއި އެލިޔުން ޕާޓީގެ އޮފީހަށް ހުށަހެޅުން ފައިސާ ލިބިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަހަރުގެ ބަޖެޓުން އެ ޕާޓީއަށް ލިބުނީ 2.9 މިލިއަން ރުފިޔާ ކަމަށާއި އޭގެ ދެބައިކުޅަ އެއްބައި ގޮފިތަކަށް ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.
"ގޮފިތަކަށް ފައިސާ ހަވާލު ކުރަން އަޅުގަނޑުމެން ކަނޑައެޅީ އިލެކްޝަންސް ކޮމިޝަނުން ވެސް އަޅުގަނޑުމެންނަށް ފައިސާ މިދެނީ ނިމިގެންދާ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީވެވިފައި ތިބޭ މެމްބަރުންގެ ނިސްބަތުން. ހަމަ އެގޮތަށް އަޅުގަނޑުމެން ވެސް ނިންމީ ހަމަ އެ ތާރީޚާ ހަމައަށް ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައި ހުރި ގޮފިތަކުގެ ތެރެއިން 50 މެމްބަރުން ހަމަވާ ގޮފިތަކަށް އެ ފައިސާ ދޫކުރަން. އެގޮތަށް ބަލާއިރު މިހާރު މިދޫކުރާ ފައިސާ ގޮފީގެ މެމްބަރަކަށް ޖެހިވަޑައިގަންނަވާނީ 82 ރުފިޔާ 72 ލާރި. އެ އަދަދަށް ގޮފީގެ މެމްބަރުން ތިބި އަދަދުން ފައިސާ ލިބިވަޑައިގަންނަވާނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.