22 Aug 2014, 23:53
މީގެ 14 ވަރަކަށް އަހަރު ކުރިން ގއ. ކޮނޑޭ ރަށްމެދުގައި ހަދާފައިވާ "ބުރު"ގެ އަޑީގައި ސިހުރު ވަޅުލާފައިވާ ކަމަށް ބުނެ އެރަށު ބަޔަކު ނުކުމެ އެ ބުރު ތަޅާލައިފި އެވެ.
މަންޒަރު ދުށް ކޮނޑޭ މީހަކު 'ސަން 'އަށް ކިޔައިދިން ގޮތުގައި ޒުވާނުންތަކެއް ނުކުމެ "ބުރު" ތަޅައިލީ އެތަނުގެ ބިމުއަޑީގައި ސިހުރު ވަޅުލާފައި ހުރިކަމަށް ބުނެ އެވެ.
'ސަން' އަށް މައުލޫމާތު ދެއްވަމުން ކޮނޑޭ ކައުންސިލްގެ ވަގުތީ ރައީސް ސިޔާމް މުޙައްމަދު ވިދާޅުވީ، ބުރު ތަޅާލީ ކޮން ބަޔަކުކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"ބުރުގެ ބައެއް ތަޅާލާފައި ވަނީ، އިއްޔެރޭ. އަދި މިރޭ ވެސް ވަނީ އެ ބުރުގެ ބައެއް ތަޅާލާފައި. އަޅުގަނޑުމެންނަކަށް އެއްގޮތަކަށް ވެސް ދަންނަވާކަށް ނޭނގެ ބުރު ތަޅާލާފައި ވަނީ ކީއްވެ ކަމެއް އަދި ކޮން ބައެއް ކަންވެސް،" އަދާލަތު ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވައި ބުރާސްފަތި ދުވަހު ކޮނޑޭ ކައުންސިލްގެ ކައުންސިލަރު ކަމުގެ ހުވާކުރެއްވި ސިޔާމް ވިދާޅުވި އެވެ.
މީލާދީ ގޮތުން 2000 ވަނަ އަހަރު ފާހަގަކުރުމަށް ކޮނޑޭގައި ބިނާކުރި ކަމަށް ބުނާ، "ރަށްމެދު ބުރު" ބަޔަކު ނުކުމެ ތަޅާލި ހާދިސާއާ ގުޅޭގޮތުން ކޮނޑޭ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު މުޙައްމަދު ޒުހައިރު ވިދާޅުވީ، އެ މައްސަލައިގައި އަމަލު ކުރާނީ ކިހިނެއްތޯ ބެލުމަށް ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
"މިރޭ ވަނީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވާފައި. ބައްދަލުވުމުގައި ނިންމާފައި ވަނީ، މާދަމާރޭ [ހޮނިހިރު ދުވަހުގެ ރޭ] ރައްޔިތުންނާ ބައްދަލުކުރުމަށް ފަހު ރައްޔިތުންގެ ހިޔާލަކީ ކޮބައިތޯ ބެލުން. މިރޭ ބައްދަލުވުން ކުރިއަށް ދަނިކޮށް ވެސް ބުރުގެ ބައެއް ވަނީ ތަޅާލާފައި،" ޒުހައިރު ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ، ބުރު ތަޅައިލީ ސީދާ ކޮންކަމަކާ ގުޅިގެންކަން އެނގިވަޑައިގެންފައި ނެތް ނަމަވެސް "ރަށުތެރޭގައި އެކި މީސްމީހުން ކިޔާ އަޑު އިވޭ، ވަރަށް ކުރީއްސުރެން އެތަނުގެ އަޑީގައި ސިހުރު ވަޅުލާފައި ހުރިކަމަށް. އެހެންވެ ރައްޔިތުންގެ ތެރެއިން ބަޔަކު ހިތްހަމަ ނުޖެހިގެން އެތަން ތަޅައިލީ ކަމަށް ވެދާނެ،" ކަމަށެވެ.
ޒުހައިރު ވިދާޅުވީ، ރަށު ކައުންސިލް އިދާރާގެ ކަންމައްޗަށްވާ ގޮތަށް ހުންނަ އެ ބުރު، އަލުން މަރާމާތު ކުރާނީތޯ ނުވަތަ ބުރު ނަގާނީތޯ ނިންމާނީ ރަށުގެ ރައްޔިތުން ކަމަށެވެ.
"މިއީ ރައްޔިތުން ކޮށްފައިވާ ބިނާއެއް. ރައްޔިތުން ނުކުމެ އިށީނދެލައި ހިތްހަމަޖައްސާލުމަށްވެސް ބޭނުން ކުރެވޭ ގޮތަށް ހަދާފައިވާ އެ ބިނާ، އަލުން އިމާރާތް ކުރާނީތޯ ނުވަތަ އެތަން ނައްތައިލާނީތޯ ނިންމާނީ ކޮނޑޭ ރައްޔިތުން،" ޒުހައިރު ވިދާޅުވި އެވެ.