22 Aug 2014, 22:37
ދުނިޔޭގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) ގެ ސެކިއުރިޓީ ކައުންސިލުން ބޮޑަށް އަޅައިލި ނަމަ އެތައް ސަތޭކަ ފުރާނައެއް ސަލާމަތް ކުރެވުނީސް ކަމަށް އެ ޖަމާއަތުގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ނަވަނެތަމް ޕިއްލޭ ވިދާޅުވެއްޖެއެވެ.
މިމަހުގެ 30 ވަނަ ދުވަހު ދައުރު ހަމަވާ ޕިއްލޭ ސެކިއުރިޓީ ކައުންސިލާ މުހާތަބު ކުރައްވައި ދެއްވި އެންމެ ފަހު ތަގުރީރުގައި މިއަދު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ކާރިސާ ތަކަކީ ހަމަނުޖެހުންތައް ހުއްޓުވަން އެކައުންސިލުން މަސައްކަތް ނުކުރުމުގެ ނަތީޖާ ކަމަށެވެ.
"މިކައުންސިލުން ބޮޑަށް އަޅައިލި ނަމަ، ހަމަނުޖެހުންތައް ހުއްޓުވަން މަސައްކަތް ކުރި ނަމަ އެތައް ސަތޭކަ، އެތައް ހާސް ފުރާނައެއް ސަލާމަތް ކުރެވޭނެ ކަމަށް އަހަރެން ވަރުގަދައަށް ގަބޫލުކުރަން،" ޕިއްލޭ ވިދާޅުވި ކަމަށް އެސޯސިއޭޓެޑް ޕްރެސް ( އޭޕީ ) ބުންޏެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތަކީ ހަމަނުޖެހުންތައް ހުއްޓުވުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ފޭލް ވުމުގެ ސަބަބުން ދައްކަން ޖެހިފައިވާ އަގު ކަމަށެވެ.
ސޫރިޔާއާއި އާފްޣާނިސްތާނާއި އިރާގާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކާއި ލީބިޔާއާއި މާލީއާއި ސޯމާލިޔާއާއި ދެކުނު ސޫދާނާއި ސޫދާނާއި ޔުކްރޭނާއި ޣައްޒާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޕިއްލޭ ވިދާޅުވެގައި ވަނީ އެތަންތަނުގައި އޮތް ހާލަތު ތަކަކީ އިންޒާރަކާ ނުލައި ކުރިމަތިވީ ކަންތައްތައް ނޫން ކަމަށެވެ.
ސެކިއުރިޓީ ކައުންސިލުން ފިޔަވަޅެއް ނޭޅުނު މައްސަލައިގައި ޕިއްލޭ ވަނީ ވީޓޯ ކުރުމުގެ ބާރު އޮންނަ އެމެރިކާއާއި ރަޝިޔާއަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައި ވަނީ ސޫރިޔާ މައްސަލައާއި ޔުކްރޭން މައްސަލައިގައި ފިޔަވަޅު އެޅުމަށް ހުރަސް އެޅުނީ އެ ދެގައުމުގެ ދެމެދު ހިޔާލު ތަފާތުވުމުން ކަމަށެވެ.