ނޫސްވެރިންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިއްބައިދޭން ޖެހޭކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

މިނިވަން ނޫހުގެ ނޫސްވެރިއެއް ކަމަށްވާ އަޙްމަދު ރިޟްވާން، 28، މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ނެރުއްވި ބަޔާނެއްގައި ހާރިޖީ ވަޒީރު ވިދާޅުވެފައި ވަނީ، ނޫސްވެރިންނަކީ މުޖުތަމައު ހޭލުންތެރިކުރުވުމުގައި މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށްވާއިރު އެފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ލިބިދޭން ޖެހޭކަމަށެވެ.

ނޫސްވެރިންގެ މިނިވަންކަމަށް އެކި ފަރާތްތަކުން ހުރަސްއަޅައި ބިރުދެއްކުމުގެ އަމަލުތައް ހިންގަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ދުންޔާ ވިދާޅުވީ، ނޫސްވެރިކަމަކީ ފުރިހަމަ ޑިމޮކްރަޓިކް މުޖުތަމައެއްގެ އެއް ތަނބު ކަމަށެވެ.

"އެހެންކަމުން ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަކީ ފަރުދީ ގޮތެއްގައި ލިއްބައިދޭން ޖެހޭ ހައްގެއް ނޫން، އެއީ ގައުމީ ފެންވަރުގައި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ލިއްބައިދޭންޖެހޭ ރައްކާތެރިކަމެއް،" ދުންޔާ ވިދާޅުވި އެވެ.

ރިޟްވާން ގެއްލުނު މައްސަލައިގައި ދައުލަތުން ކަންބޮޑުވާކަން ފާޅުކުރައްވައި ދުންޔާ ވިދާޅުވީ، އޭނާ ހޯދުމުގެ މަސައްކަތުގައި ކަމާގުޅޭ ހުރިހާ ދާއިރާއަކުން ގުޅިގެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑުގެ ދުއާއަކީ އަދި އެދުމަކީ ރިޟްވާން ސަލާމަތުން ހެޔޮހާލުގައި ފެނުން،" ދުންޔާ ވިދާޅުވި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ފާސްކޮށްފައިވާ ނޫސްވެރިންގެ ސަލާމަތާބެހޭ މުއާހަދާއަކީ ރާއްޖެއިން "ކޯސްޕޮންސާ"ކޮށްގެން ފާސްކޮށްފައިވާ ގަރާރަކަށްވާ އިރު، ދުންޔާ ވިދާޅުވެފައިވަނީ، ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ރާއްޖޭން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމަށާއި އަދި ދިވެހި އެންމެހާ ރައްޔިިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ދިވެހި ސަރުކާރުން ކުރާނޭ ކަމަށެވެ.

ރިޟްވާން ހޯދުމުގެ މަސައްކަތުގައި ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން އެއްގަމާއި ކަނޑުގެ ސަރަހައްދުވެސް އަންނަނީ ބަލަމުންނެވެ.