22 Aug 2014, 22:09
ސައިހޮޓާ ތަކާއި ރެސްޓޯރަންޓު ފަދަ ތަންތަނަށް ގޭސްދޫކުރުން ލިމިޓްކޮށްފައިވާ ކަމަށް މޯލްޑިވް ގޭހުން ބުނެފި އެވެ.
މޯލްޑިވް ގޭސްގެ ހެޑް އޮފް ސޭލްސް މުހައްމަދު ޝިފާއު މިރޭ 'ސަން' އަށް ވިދާޅުވީ ސައިހޮޓާ ތަކާއި ރެސްޓޯރަންޓުތަކަށް ގޭސްދޫކުރުން މިދުވަސްވަރު ލިމިޓްކޮށްފައި ވަނީ ވިއްސާރަވުމުގެ ސަބަބުން ގޭހުގެ ޝިޕްމަންޓު ރާއްޖެ އައުން ލަސްވާތީ ކަމަށެވެ.
ޝިފާއު ވިދާޅުވީ، ކުރިން ހަމަޖެހިފައި އޮތީ އަންނަ އާދީއްތަ ދުވަހު ގޭހުގެ ޝިޕްމަންޓު އަންނަ ގޮތަށް ކަމަށާއި ނަމަވެސް ވިއްސާރައިގެ ސަބަބުން އަންނަ އަންގާރަ ދުވަހަށް ޝިޕްމަންޓު ގެނައުން ލަސްވެފައިވާ ކަމަށެވެ.
"ޝިޕްމަންޓު އައުމާ އެކު މިކަން މުޅިން ހައްލުވެގެންދާނެ،" ޝިފާއު ވިދާޅުވި އެވެ.
އެކުންފުނީގެ ގޭސްޕްލާންޓު ހުންނަނީ ތިލަފުށީގައި ކަމަށާއި އެހެންކަމުން މިދުވަސްވަރު ވިއްސާރަވެ ކަނޑު ގަދަވުމުގެ ސަބަބުން ގޭސްފުޅިތައް މާލެ ގެނައުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައިހޮޓާ ތަކާއި ރެސްޓޯރަންޓުތަކަށް ގޭސްދޫކުރުމުގައި ލިމިޓެއް ގެންގުޅުނު ނަމަވެސް ގޭބިސީތަކަށް ގޭސްދޫކުރުމުގައި ލިމިޓެއް ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިގޮތަށް އަމަލު ކުރިނަމަވެސް ގޭބިސީތަކަށް ގޭސް ދޫކުރުމުގައި ލިމިޓޭޝަނެއް ނާންނާނެ،" ޝިފާއު ވިދާޅުވި އެވެ.