22 Aug 2014, 21:59
ދިރާގު ދިވެހި ލީގުގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން މޮޅުވެ، ކްލަބު އީގަލްސް އިން ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން އީގަލްސް މޮޅުވީ 2-0 ލަނޑުންނެވެ. މެޗުގައި ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނިގެންދިޔައީ މި މެޗުން މޮޅުވެ، ތިން ޕޮއިންޓް ކަށަވަރުކުރި އީގަލްސްއިންނެވެ.
މެޗުގެ 12 ވަނަ މިނެޓްގައި އީގަލްސްއަށް ލީޑު ހޯދައިދިނީ އަހްމަދު އިމާޒް (އާއްކޮ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އީގަލްސްގެ ހަސަން ޝިފާއު ނަގައިދިން ރީތި ހުރަހަކުންނެވެ. ޝިފާއު ނެގި ހުރަސް އާއްކޮ ކާމިޔާބުކުރީ އޭނާގެ ބޮލުން ޖަހަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ވެސް އާއްކޮ ވަނީ އޭވައިއެލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އީގަލްސްއަށް ލިބުނު ހިލޭ ޖެހުމަކުން އާއްކޮ ފޮނުވާލި ހަމަލާ، އޭވައިއެލްގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގައި އީގަލްސްއިން ކާމިޔާބުކުރި ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 69 ވަނަ މިނެޓްގައެވެ. އީގަލްސް އެ ލަނޑު އާއްކޮ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ (މެސީ) އެވެ.
ދިރާގު ދިވެހި ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، 11 މެޗުން ލިބުނު 30 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު 11 މެޗުން ލިބުނު 28 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި މާޒިޔާ އޮތް އިރު، 11 މެޗުން ލިބުނު 19 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ އީގަލްސެވެ. ކުޅުނު ދިހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، ފަސް ވަނައިގައި އޮތް މަހިބަދޫއަށް 11 މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ. ވިކްޓަރީ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް 11 މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. ކުޅުނު 11 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައި އޭވައިއެލް އޮތް އިރު، އެންމެ ފުލުގައި އޮތް ބީޖީއަށް ދިހަ މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. އޭވައެއެލް އާއި ބީޖީއަށް ވަނީ އަމިއްލަ ބާރު ގެއްލި، ރެލިގޭޝަނުގެ ބިރާ ކުރިމަތިލާން ޖެހިފަ އެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު ނުކުންނާނީ ރިލިގޭޝަންގެ ބިރާ ކުރިމަތިލަމުން އަންނަ ބީޖީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.