22 Aug 2014, 17:49
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ މީޑީއާތައް އިސްނަގައިގެން ކުރިއަށް ގެންދިޔަ "ހެލްޕް ގާޒާ ޓެލެތޯން"އަށް ލިބުނު ފައިސާ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި އެވެ.
"ހެލްޕް ޣައްޒާ ޓެލެތޯން"ގެ ތަރުޖަމާނު އަހުމަދު ޒާހިރު (ހިރިގާ) މިއަދު 'ސަން'އަށް ވިދާޅުވީ ޓެލެތޯނަށް ލިބިފައިވާ 28.9 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ، ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށެވެ.
"ކުރިންވެސް މައުލޫމާތު ހިއްސާކުރެވިފައިވާ ގޮތުގެ މަތިން އަޅުގަނޑުމެން މިދަނީ، ޣައްޒާގައި ހާލުގައި ޖެހިފައިތިބި އަޅުގަނޑުމެންގެ ލޮބުވެތި މުސްލިމް އަހުންނާއި އުހުތުންނަށް އެހީފޯރުކޮށްދިނުމަށް ބެހެއްޓި ފަންޑަށް ލިބިފައިވާ ފައިސާ، އެފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި ގަތަރުގެ ރެޑް ކްރެސެންޓާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން،" ހިރިގާ ވިދާޅުވި އެވެ.
ހެލްޕް ގާޒާ ޓެލެތޯނަށް ލިބިފައިވާ ފައިސާގެ ޖުމުލަ އަދަދަކީ، 28،972،595.98 ދިވެހި ރުފިޔާއެވެ. އެއީ ގާތްގަނޑަކަށް 1.88 މިލިއަން އަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ ފައިސާއެވެ.
ހިރިގާ ވިދާޅުވީ، މިހާރު ކުރިއަށްދަނީ ގަތަރު ރެޑް ކްރެސެންޓާ ފައިސާ ހަވާލުކުރުމުގެ ކުރިން ފަންޑަށް ލިބިފައިވާ ދިވެހި ފައިސާ ބޭރުފައިސާ އަށް ބަދަލުކުރުމާއި އަދި ގަތަރުގެ ރެޑްކްރެސެންޓާއެކު ވާންޖެހޭ އެއްބަސްވުންތަކުގެ މަސައްކަތް ކަމަށެވެ.
"ގާޒާ ފަންޑަށް މިވަނީ 1.8 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރަށްވާ ފައިސާ ލިބިފައި. އަޅުގަނޑުމެން މިދަނީ، ސެންޓްރަލް ބޭންކް އެމްއެމްއޭ އާއި، ގައުމީ ބޭންކް ބީއެމްއެލްގެ އިތުރުން އެ ފައިސާ ޑޮލަރަށް ބަދަލުކުރުމަށްޓަކައި މަޝްވަރާކުރަން ޖެހޭ ދައުލަތުގެ އެންމެހާ ފަރާތްތަކާ މަޝްވަރާ ކުރަމުން،" ފަންޑު ކޮމިޓީގެ މަސައްކަތް ކުރިއަށްދާ ގޮތް ކިޔައިދެއްވަމުން ހިރިގާ ވިދާޅުވި އެވެ.
"ގަތަރުގެ ރެޑް ކްރެސެންޓާ މި ފައިސާ ހަވާލުކުރުމުގެ ކުރިން އަޅުގަނޑުމެން ޔަގީންކަން ހޯދަން ބޭނުންވޭ، މި ފައިސާ ހޭދަކުރާނީ ކިހިނެއްކަން. އެގޮތުން އަޅުގަނޑުމެން ވާނީ، މިހާރު އެ ޖަމިއްޔާއާ އެކު އެއްބަސްވުމެއް އެކުލަވާލައި އޭގެ ޑްރާފްޓް ފޮނުވާފައި. އެއްބަސް ވުމުގައި ވާނެ، މި ފައިސާ ހޭދަކުރަން ޖެހޭނީ، އިސްރާއީލުގެ އުދުވާނުގެގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ފެނާއި ކާނާއާއި ބޭސްފަރުވާ ފޯރުކޮށްދިނުމަށް ކަމަށް. އަދި އެހެން އެއްވެސް ބޭނުމަކަށް އެ ފައިސާ ބޭނުން ކޮށްގެން ނުވާނޭ ކަމަށް."
ހެލްޕް ގާޒާ ޓެލެތޯންގެ ތަރުޖަމާނު ވިދާޅުވީ، ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހުތުންނަށް އެހީތެރިވެދިނުމަށް ދިވެހިން އެއްކުރި މި ފައިސާ މިމަސް ނިމުމުގެ ކުރީން ގަތަރު ރެޑް ކްރެސެންޓާ ހަވާލު ކުރެވޭނޭ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ހިނގާ އޯގަސްޓް މަސް ނިމުމުގެ ކުރިން އަޅުގަނޑުމެން އެ ފައިސާ ގަތަރު ރެޑް ކްރެސެންޓާ ހަވާލުކުރެވޭނެ. މި ފެށޭ ހަފްތާ ތެރޭގައި އެ ޖަމިއްޔާގެ ޓީމެއް ރާއްޖެ ގެނައުމަށްޓަކައި މިއަންނަނީ މަޝްވަރާ ކުރަމުން،" ހިރިގާ ވިދާޅުވި އެވެ.
ޣައްޒާ އަށް އެހީ ހޯދުމަށް ހިލޭ ސާބަހަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތަށް މީގެ ކުރިން ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ނުލިބޭހާ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެގޮތުން ގާޒާ ފަންޑް މޯލްޑިވްސްގެ ހަ މިލިއަން ރުފިޔާ އާއެކު މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހާ ހަމައަށް ކުރި އަށް ގެންދިޔަ 36 ގަޑި އިރުގެ ޓެލެތޯން ނިންމާލި އިރު އެ ފަންޑަށް ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ 20.7 މިލިއަން ރުފިޔާ އެވެ.